ސިޔާސީ

ޤާސިމަށް ވަރަށް އިޙްތިރާމް ކުރަން، ޖޭޕީއަށް ކޮށްދިނީ އިޚްލާސްތެރި ޚިދުމަތެއް: ރިޔާޒް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤާސިމް އިބްރާހީމް ލީޑަރުކަން ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގައި ހުންނެވިއިރު ކުރެއްވީ އިޚްލާސްތެރި މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ވަނީ އަބްދުﷲ ރިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަފުޅު ދައްކަވައިފައެވެ. ޤާސިމްގެ ފާޑުކިޔުން ރިޔާޒަށް އަމާޒުވެފައި ވަނީ، ޖޭޕީގައި މަސައްކަތް ކުރެއްވުމަށް ފަހު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާ އެކު އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރެއްވުމާ ގުޅިގެންނެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މީގެ ދެ މަސް ކުރިން ފެއްޓެވިއިރު، މިއަދު ވަނީ 5000 މެންބަރުންގެ ފޯމާއެކު، ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައެވެ.

ޤާސިމްގެ ވާހަކަފުޅުގައި މީގެ ކުރިން ވަނީ، އެންމެ ފަހު ވަގުތު ރިޔާޒް މަސައްކަތް ކުރެއްވީ ޖޭޕީ ތެރެ ބައިބައިކޮށް، ޤާސިމްގެ ބޮލަށް ފައިން އަރަން ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން "ދެން"އިން ސުވާލު ކުރުމުން، އެ މަނިކުފާނު ޖޭޕީގެ މަގާމެއްގައި ހުންނެވިއިރު ކުރެއްވީ ވަރަށް އިޚްލާސްތެރި މަސައްކަތެއް ކަމަށެވެ.

"ޖޭޕީގެ ލީޑަރޝިޕާ ހަވާލުވުމަށް ފަހު އެ ޕާޓީ ވަރުގަދަކޮށް، ޕާޓީގެ އަސާސީ ޤަވާއިދު އިސްލާޙުކޮށް، ސިޔާސީ ފިކުރަކަށް އެ ޕާޓީ ބައްޓަން ކުރުމަށް ޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ވާނެ" ޢަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ އުފެއްދުމާ ހަމަޔަށް ދިޔައިރު ، އެ މަސައްކަތުގައި އުޅުއްވި ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކު، ޕާޓީއާ ގުޅިވަޑައިނުގަންނަވާނެކަން ވަނީ ހާމަކުރައްވައިފައެވެ. އެއީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.

މިކަމާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ މޮސްޓާއާއި ޖޭފޯ އެމްއެންޕީއަށް ގުޅިވަޑައިނުގަތުމަށް ނިންމެވިކަން ނުވަތަ ގުޅެން މަޑުޖައްސާލިކަން ވެސް ރަސްމީކޮށް އެ ޕާޓީއަށް އަންގައިފައި ނުވާ ކަމަށާއި އެކަން އެނގުނީ މީޑިއާތަކުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ބޭފުޅުން ޕާޓީއާ ގުޅިވަޑައިނުގަތުމަށް ނިންމި ސަބަބެއް ހާމަ ކޮށްފައެއް ނެތް. މީޑިއާއިން ތި ވާހަކަ އަޑުއަހައިފިން. އެމީހަކަށް އޮންނަ ޙައްޤެއް އެއީ އެމީހަކު މަސައްކަތް ކުރުމާއި ނުކުރުމާ މަޑު ކޮށްލުމާ. އެބޭފުޅުން ރަސްމީކޮށް ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ އެއްވެސް މީހަކަށް ނެތް އަންގައިފައެއް" ރިޔާޒް ވިދާޅުވިއެވެ.

އެމްއެންޕީ އުފެއްދުމަށް މިއަދު އެ ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ޖުމްލަ 5300 ފޯމު ހުށަހަޅައިފައެވެ. ރިޔާޒް ވިދާޅުވީ، އީސީން ހުއްދަ ދިނުމާ އެކު އެ ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބާއްވާނެ ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ނިޒާމު ބަދަލުކޮށްލުމުގެ އަޒުމުގައި ހެދި، "ޤައުމީ ފިކުރު" ގެ ޕާޓީއެއް ކަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އަދި ޕާޓީ ހިންގުމަށް ހަމަޖެހިފައި ވަނީ މިހާރު ރާއްޖޭގައި ހިންގާ ޕާޓީތަކާއި ޚިލާފަށް، ބޮޑެތި ބަދަލުތަކަކާ އެކު ކަމަށް އެ ޕާޓީން ބުނެއެވެ. އެ ޕާޓީން މީގެ ކުރީން ވަނީ ރައީސް ޞާލިޙްގެ ސަރުކާރާ ކޯލިޝަން ހެދުމުގެ އިޝާރާތެއް ކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!