މުޒާހަރާގެ ބައިވެރިންނަށް "ފެނިލެއްވި" މައްސަލައިގައި ރައީސް ޔާމީނަށް ފިޔަވަޅު އަޅައިފި
މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާގައި، ގޭ ބަންދުގައި ހުންނަވައިގެން މުޒާހަރާގެ ބައިވެރިންނަށް ފެނިލައްވައި ހިތްވަރު ދެއްވި މައްސަލައިގައި 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފިޔަވަޅު އަޅައިފިކަމަށް ކަރެކްޝަންސްއިން ބުނެފިއެވެ.
ކަރެކްޝަންސްއިން ބުނެފައިވާގޮތުގައި އެ މަނިކުފާނާ މެދު އެޅި ފިޔަވަޅަކީ އެފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް، ލިޔުމުން ނަސޭހަތް ދިނުން ކަމަށް ވެސް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
ގޭ ބަންދުގައި ހުންނަވައިގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، އިދިކޮޅުގެ ހަރަކާތުގެ ބައިވެރިންނަށް ފެނިލައި، ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދަ ވިހުރުވައި ލައްވައި އިހުތިޖާޖުގެ ބައިވެރިންނަށް ހިތްވަރު ދެއްވައިފައިވުމުގެ ސަބަބުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށެވެ.
އެއާ އެކު އިދިކޮޅުން ވަނީ އެމަނިކުފާނު ބަންދުގެ އިޤްރާރާ ޚިލާފުވެފައި ނުވާކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. މިގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ގޭބަންދު އިގުރާރާ ޚިލާފުވެވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނު ކަންކުރެއްވީ ހުދޫދުގެ ތެރެއިން ކަމަށެވެ. އިހުތިޖާޖުގައި ރައީސް ޔާމިން ބައިވެރިވެވަޑައިގެންނެވިކަން ގަބޫލު ނުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ފެނިލެއްވުމަކީ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ހިތްވަރެއް ކަމަށާއި އެކަން ސަރުކާރު ހިންގާ އެމްޑީޕީއަށް ހަޖަމު ނުކުރެވުނީ ކަމަށާއި އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރެއްވި ޓްވީޓަކީ ސަރުކާރުގެ ނުފޫޒުން މަޖުބޫރުކޮށްގެން ކުރި ޓްވީޓެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ފިޔަވަޅުއަޅާނެ އަދިވެސް އަޅާނެ
އެމްސީ ޙަމީދު އަމާގެ އަނެއްތާންގަވެސް ފިޔަވަޅުއަޅާނެ
ހަމަލޮލުން ނުފެނި އެހާ ގިނަދުވަސް ފަހުން ކުޑަދޮރުން ފެނލި ފެނިލުމުން ވެސް ވަރަށް ހިންހަމަ ޖެހުނު