ބޮލީވުޑް މުނިފޫހިފިލުވުން

"ސްޓާ ކިޑްސް"އަށް ވެސް ފިލްމް ގެއްލޭ، އެކަމަކު އެކަމާ ރޮއިއެއް ނުހަދާ: ސޮނާކްޝީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

"ސްޓާ ކިޑްސް" ނުވަތަ މަޝްހޫރު މީހުންގެ ދަރިންގެ ގޮތުގައި އިންޑިޔާގެ މީޑިޔާތަކުގެ ފަލަ ސުރުހީތަކަށް އަރާ ފަންނާނުންނަން ފުރުސަތު ނުގެއްލޭނެކަމަށް ބުނެ ފެތުރޭ ވާހަކަތަކަށް ކާމިޔާބު ބަތަލާ ސޮނާކްޝީ ސިންހާ ރައްދުދީފިއެވެ.

Ads by Sosun Fihaara

ސޮނާކްޝީ ބުނެފައިވާ ގޮތުގައި އޭނާއަކީ ވެސް އެ ބުނާ "ސްޓާ ކިޑް"އެއް ކަމަށާއި އެހެން ނަމަވެސް އޭނާއަށް ވެސް ފިލްމްތައް ގެއްލިފައިވެއެވެ. އޭނާ ބުނާގޮތުގައި މަޝްހޫރު މީހެއްގެ ދަރިއަކަށް ވުމަކީ ބޮލީވުޑްގައި ކާމިޔާބު ހޯދުމަށް މުހިންމުކަމެއް ނޫނެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ޕިންކް ވިލާއަށް ދިން އިންޓަރވިއުއެއްގައި ސޮނާކްޝީ ބުނެފައި ވަނީ މަޝްހޫރު މީހުންގެ ދަރިންނަށް ވެސް ފިލްމުތަކާއި އެކުދިން ބޭނުންވާ ޕްރޮޖެކްޓްތައް ވެސް ނުލިބި ގެއްލޭކަމަށާއި އެހެން ނަމަވެސް އެކުދިން އެކަމާ ދެރަވެ ރޮވެ ނުހަދާކަމަށެވެ.

"މިސާލަކަށް ބަލަމާ އަހަރެންގެ ބައްޕަ. އެއީކީ ސްޓާ ކިޑްއެއް ނޫން. އެކަމަކު ބައްޕައަށް ވެސް ބައިވަރު ޕްރޮޖެކްޓްތައް ވެސް ގެއްލުނު. އެކަން ދިމާވާނެ އެންމެންނަށް ވެސް. އެއީކީ ވަކި ސްޓާ ކިޑަކަށް ވެފަ ސްޓާ ކިޑްއަކަށް ނުވީމަ ވާ ގޮތެއް ނޫން. މިދީ ދިރިއުޅުން. ހިތްވަރާއެކު މަސައްކަތް ކުރީމަ ކާމިޔާބުވާނެ" ސޮނާކްޝީ ބުންޏެވެ.

ބޮލީވުޑްގެ ކާމިޔާބު އެކްޓަރ ޝަތުރްގަން ސިންހާއާއި ޕޫނަމް ސިންހާގެ ދަރި، ސޮނާކްޝީ ސިންހާ ބޮލީވުޑަށް ނުކުމެފައި ވަނީ 2010 ވަނަ އަހަރު ނުކުތް ފިލްމް ދަބަންގް އިންނެވެ. އެއަށް ފަހު ފާއިތުވީ 11 އަހަރު ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ސޮނާކްޝީގެ ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ރައުޑީ ރާތޯރު" "ފޯސް 2" އަދި "އިއްތިފާގް" ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!