ބިދޭސީ އަދި ވަގުތީ ޓީޗަރުން އިތުރުވެފައި ވަނީ ކަންބޮޑުވާ މިންވަރަކަށް: ރައީސް ޞާލިޙް
މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނާއި ވަގުތީ ޓީޗަރުން އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށާއި، މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފި ނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖޭން ނުލިބުމުގެ ބިރު ބޮޑުވެފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2019ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުންނާއި ވަގުތީ ޓީޗަރުން އިތުރުވަމުން ދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށާއި މިކަން މިގޮތަށް ދޫކޮށްލެވިއްޖެ ނަމަ، ކުރިމަގުގެ ޖީލަކީ ޢިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން މި ބޭނުންވާ ފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ.
"ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލައި އޯގާތެރިކަމާއި އެކުވެރިކަމާ އެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަ ށްޓަކައި ވަރަށް މުހިންމު ކަމެއް. އެހެންކަމުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރި ނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމަށާއި، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައް މިހާރު ހުރި ގޮތާ ބެހޭ ޢިލްމީ ދިރާސާއެއް ކުރަން ސަރުކާރުން ވަނީ ނިންމައިފައި" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ މަތީ ޘާނަވީ ނިންމައި މަތީ ތަޢުލީމަށް ކުރިމަތިލާއިރު، އެ ފެށެނީ ޤައުމު އާރާސްތުކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒުކުރަންވީ މަރުޙަލާކަމަށާއި، އެކުދިންގެ ކުރިމަގު ބައްޓަންކުރާނެ ދާއިރާއަކާ މެދު އެ ކުދިން ވިސްނާއިރު ސަރުކާރުން އޮތީ އެ ކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް އެ ކުދިން ގެންގޮސްދޭން ތައްޔާރަށް ކަމުގައެވެ.