ހިޔާ ފުލެޓުގެ ގޯސް ވާހަކަ ދައްކަނީ ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ދެކޮޅަށް އަޑު އުފުލާތީ: ޝިޔާމް
ހިޔާ ފުލެޓާ ބެހޭ ގޮތުން ގޯސް ވާހަކަ ދައްކަނީ ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުމާ ދެކޮޅަށް ދިވެހިން އަޑު އުފުލަން ފެށުމުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން، ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނަށް ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވާނެ ކަމަށެވެ.
"އެއްބަސްވުންތަކެއް ހަދައި ބޭރު ސިފައިން މިޤައުމުގައި ބައިތިއްބައިގެން އެކަމާ ދެކޮޅަށް ދިވެހިން ނިކުމެ އަޑު އުފުލަން ފެށުމުން ސަރުކާރުން މީޑިއާތަކަށް މި އަންގަނީ ހިޔާ ފްލެޓުގެ ނެގަޓިވް ވާހަކަ ހަދާ ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނަށް ނަފްރަތު އުފައްދަން. ތިއެއް ނުހިނގާނެ" ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވައިލާ އިއްޔެ އިދިކޮޅުން އިސްވެ އޮވެ ވަނީ ބޮޑު އެއްވުމެއް ބާއްވައި އަޑު އުފުލައިފައެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މި ހިނގާލުން ފަށައިފައި ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. ހިނގާލުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ހިނގާލުމުގައި ބައިވެރިވާ ބޭފުޅުން ތިބީ މި ހިނގާލުމަށް ޚާއްސަ ޓީޝާޓެއް ލައިގެންނެވެ.
އެއާ އެކު ރޭ މީޑިޔާތަކުގެ ފަލަ ސުރުހީއަށް ވަނީ އޯޑިޓް އޮފީހުގެ ރިޕޯޓެއްގެ ޚަބަރު އަރައިފައެވެ. ހިޔާ ފުލެޓްތަކުގެ ކުލި 6،600 ރުފިޔާއަށް ކުޑަ ކުރުމުން ކޮންމެ ފުލެޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެކަމަށް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އިދިކޮޅުން ސިފަކޮށްފައިވާ ގޮތުގައި މިއީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލައި އަޑު އުފުލުމުން "ފޯކަސް" ގެއްލުވައިލުމަށް ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެކެވެ.
އަންޑިޔާ އައުޓޭ ގޮވަނީ ޔާމީނު ކުރިވައްކަންފޮރުވަންވެގެން