ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެމްއެންޕީގެ އެހީތެރިކަމަށް އެމްޑީޕީން ވަނީ އެދިފައި: އެމްއެންޕީ

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ނޭޝަނަލް ޕާޓީ ރަޖިސްޓަރކުރުމާ އެކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ރައީސް މުޙަންމަދު ނަޝީދުގެ ދައުވަތަކަށް އެ ޕާޓީގެ އިސްވެރިންނާ އެކު އެމްއެންޕީގެ ލީޑަރޝިޕްގެ ހިމެނޭ ފަރާތްތަކުން މިއަދު ވަނީ ބައްދަލުކޮށްފައިވާ ކަމަށާއި މި ބައްދަލު ކުރެއްވުމުގައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެމްއެންޕީގެ އެހީތެރިކަމަށް އެމްޑީޕީން އެދިފައިވާކަމަށް އެޕާޓީން ބުނެފިއެވެ.
އެމްއެންޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ނަޝީދާ އެކު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖެއަށް މިއަދު ދިމާވެފައިވާ މުހިންމު އެކިއެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވި، އެކަންކަން އިސްލާހުކުރުމަށް ޓަކައި އެކުގައި މަސައްކަތްކުރުމަށް ވާހަކަ ދެކެވުނު ކަމަށެވެ.
"އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދެކެވުނެވެ. އެގޮތުން، ރައްޔިތުންގެ މެދުގައި ޖުޑީޝަރީއާ މެދު އިތުބާރު އިތުރުކުރުމަށް ޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، ވެރިކަން ކުރުމުގެ ނިޒާމްގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމަށް ޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުން ފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ." އެމްއެންޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ގާނޫނޫ އަސާސީ އިސްލާހު ކުރަން އެމްޑީޕީން، އެމްއެންޕީގެ އެހީތެރިކަމަށް އެދިފައިވާކަން ފާހަގަ ކުރައްވައި މިބަޔާނުގައި ބުނީ ގައުމުގެ މުސްތަގްބަލާ ގުޅޭ މިފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން މިކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
"އެހެންކަމުން، މި ކަންކަމާ ގުޅޭގޮތުން މިޕާޓީން ގޮތެއް ނިންމާނީ، ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި
މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށް ފަހުގައެވެ." އެމްއެންޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަވަސް ކޮށްފަ ބަހައްޓާ ފިސްތޯލަ ޕާޓީ