ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަޖިލީހުން އެމްއެންޕީ ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުން، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ބަލައިގެންފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން، ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ތިން މެމްބަރަކު އެމްއެންޕީއާ ގުޅި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ވުމާއެކު އެމްއެންޕީއާއި އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ތިން މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ވެސް މިހާރު ހިމަނައިފައިވާ ކަމަށެވެ.
އެމްއެންޕީ މަޖިލީހުން ބަލައިގަތުމާ އެކު މަޖިލީހުގެ ކޮމިޓީތަކަށް އަންނަ ބަދަލުތައް ފާސްކުރުމަށް ހުށަހަޅުއްވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަލަށް އުފެއްދި އެ ސިޔާސީ ޕާޓީއާ ގުޅިވަޑައިގެންނެވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްއާއި އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމްއެވެ. އެމްއެންޕީގެ ރައީސްއަކީ ވެސް މެންބަރު ނާޒިމްއެވެ.
މަޖިލިސް މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް އައި މި ބަދަލާ އެކު އެމްއެންޕީގައި ހިމެނޭ މަޖިލިސް މެމްބަރުންގެ އަދަދު ޖުމްހޫރީ ޕާޓީއާ ވަނީ އެއްވަރުވެފައެވެ.
މަޖިލީހުގައި މިހާރު އިތުރަށް ތިއްބެވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ނުވަ މެންބަރުންނާއި އެމްޑީއޭގައި ދެ މެންބަރުންގެ އިތުރުން މިނިވަން މެންބަރުންގެ ގޮތުގައި ފަސް މެންބަރުންނެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ.
ރާއްޖޭގައި 4ލައްކަހަމަނުވޭ 20 ރައީސުންނާއި 80 މަޖިލިސްމެންބަރުންނާއި 15 ސިޔާސީޕާޓީ . ދެންރައްޔިތުންނަށް ދޭނީ ކޮން ތާކުން ލާރި ނަގައިގެން