ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 192 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ކޮވިޑް-19އާ ގުޅިގެން އިސްސަފުގައި މަސައްކަތްކުރާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 192.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފިއެެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ އެއްވަނަ ދުވަހާ ހަމައަށް 13105 މީހަކަށް އެލަވަންސް ދީފައިވެއެވެ. ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހާ ހަމައަށް ފްރަންޓް ލައިންސް އެލަވަންސްގެ ގޮތުގައި ދޫކޮށްފައި ވަނީ 13052 މީހަކަށް 177މިލިއަން ރުފިޔާއެވެ.
އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ތިން ގިންތިއަކަށް ބަހައިލައިގެންނެވެ. އެގޮތުން ކޮވިޑް ބަލި މީހުންނާ ދިމާވާ، ރިސްކު ބޮޑު މުވައްޒަފުންނަށް ދުވާލަކަށް 500 ރުފިޔާ، ހައި ރިސްކު މީހުންނާ ދިމާވާ ދެވަނަ ގިންތީގެ މުވައްޒަފުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެޗްއީއޯސީގައި އެހެނިހެން މަސައްކަތް ކުރާ އެންމެ ލޯ ރިސްކް މުވައްޒަފުންނަށް ދުވާލަކަށް 200 ރުފިޔާ ދެއެވެ.
ކުރީ ސަފުގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ފައްސިވާ މީހަކާ ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ސުންކު ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޯވިޑަށް ފައްސިވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނާއި ފައްސިވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަން ޖެހޭ މީހުންނެވެ.