ސިޔާސީ

ދިވެހިރާއްޖެއިން ކަޝްމީރުން ފެންނަމުންދާ މަންޒަރު ފެންނާކަށް އެކަކު ވެސް ނޭދޭނެ: އަދުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Adhurey, Abdul Raheem, PNC, PPM
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ދެން އިމޭޖްސް

ދިވެހިރާއްޖެ މިހާރު ހިނގަމުން އަންނަ މިސްރާބުން ކުރިޔަށް ގޮސްފި ނަމަ ކަޝްމީރުން ފެންނަ މަންޒަރު ރާއްޖެއިން ފެނިގެން ހިނގައިދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

"މިނިވަންކަމުގެ ދިފާޢުގައި ދިވެހިން" މި ހަރަކާތުގެ ތެރެއިން އިދިކޮޅުން މިއަދު ފުވައްމުލަކު ސިޓީގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މިނިވަންކަމުގެ ދިފާޢުގައި ދިވެހިން ނިކުންނަން ޖެހެނީ، ދާޚިލީ ހަމަނުޖެހުންތަކުގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަދެ، ވީރާނާވި ޤައުމަކަށް ދިވެހި ރާއްޖެވުމަށް ދިވެހިން ނޭދޭތީ ކަމަށެވެ. އަދި އިންޑިއާއިން ވެރިވެގެންފައިވާ ކަޝްމީރާއި އެމެރިކާއިން އިސްތިއުމާރު ކުރި ލީބިއާގެ ވާހަކަ ފާހަގަކުރެއްވިއެވެ.

"ދިވެހިން ބޭނުމެއް ނޫން ކަޝްމީރުން ފެންނަ މަންޒަރު، ދިވެހި ރާއްޖެއިން ފެނިގެންދާކަށް. ލީބިއާއިން ފެންނަމުންދާ ހިތްދަތިކަން ފެންނަމުންދާކަށް. ފަލަސްތީނުގެ ބިމުން ކުޑަކުދިން ރޯ މަންޒަރު އަޅުގަނޑުމެންގެ ބިމުން ދެކޭކަށް. އެހެންވީމަ މިނިވަންކަމުގެ ދިފާޢުގައި ދިވެހިން ނިކުންނަން މި ޖެހުނީ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ސިޔާސީ ލީޑަރުންގެ ތެރެއިން ދިވެހި ރާއްޖޭގެ މިނިވަން ކަމަށް ލޯބި ކުރައްވާ ހަމައެކަނި ވެރިޔަކީ ރައީސް ޔާމީން ކަމަށެވެ. އަދި ވިދާޅުވީ، މިނިވަންކަމުގެ ދިފާއުގައި ކެންޕެއިންގައި އިތުރު ސިޔާސީ ޕާޓީއަކުން ބައިވެރިނުވުމުން މިކަމުގެ ހެއްކަކަށް ފުދޭ ކަމަށެވެ.

"މިއީ ސިޔާސީ ހަރަކާތެއް ނޫން. ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ލޯބި ކުރައްވާ، ދިވެހިންގެ އެކިވެރިކަމާއި އެއްބަައިވަންތަކަށް ލޯބި ކުރައްވައި ދިވެހިންގެ ފަހި ދިރިއުޅުމަށް ގެންގޮސްދެއްވަން ބޭނުންވާ ހަމައެކަނި ލީޑަރު. އެކަނިކުފާނު ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވަން ފެއްޓެވީއްސުރެ މިއަދާ ހަމައަށް އަބަދުވެސް އިސްކުރައްވަނީ ދިވެހި ޤައުމު، ދިވެހި ޤައުމިއްޔަތު، ދިވެހިންގެ މިނިވަންކަން. މާތްވެގެންވާ އިސްލާމްދީން" އަދުރޭގެ ވާހަކަފުޅުގައި ވިދާޅުވީ، ރައީސް ޔާމީނަށް ކުރާ އަނިޔާއަށް ވުރެ، ރައީސް ޔާމީންނަށް އަސަރު ކުރައްވަނީ ދިވެހި ސަރުކާރުން ޤައުމަށް ކުރަމުންދާ އަނިޔާގެ ސަބަބުން ކަމަށެވެ.

"އެމަނިކުފާނަށް މި ސަރުކާރުން ކެނޑިނޭޅި އަނިޔާކުރަމުންދާތާ 2 އަހަރު ވެގެން ދިޔައީ. އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވަނީ ތިމަން މަނިކުފާނަށް ކުރައްވާ އަނިޔާއަށް ވުރެ، ތިމަން މަނިކުފާނަށް އަސަރު ކުރަނީ ދިވެހި ސަރުކާރުން ދިވެހި ޤައުމަށް ކުރަމުންދާ އަނިޔާގެ ސަބަބުންނޭ. އެއީ ސިޔާސީ ލީޑަރުންނަކީ"

ދެން ތިބި ސިޔާސީ ލީޑަރުންނަށް އަދުރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. މިގޮތުން ވިދާޅުވީ، އެ ބޭފުޅުން އެ ތިބީ ރާއްޖޭގެ ދީން ބަދަލު ކުރިޔަސް ވަރިހަމަ ކަމަށް ދެކިގެން ކަމަށެވެ.

"އެމީހުން އެތިބީ ދިވެހި ރައްޔިތުންނަށް ކޮންމެ ގޮތެއް ވިޔަސް، ދިވެހި ޤައުމަށް ކޮންމެ ގޮތެއް ވިޔަސް، މި ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަސް. މި ރާއްޖޭގެ މާތްވެގެންވާ އިސްލާމްދީން ފިޔަވައި ބާތިލް ދީންތަކަށް މި ރާއްޖޭން ޖާގަ ދިނަސް ވަރިހަމަކަމަށް ޤަބޫލުކޮށްގެން"

އިދިކޮޅުން "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން"ގެ ނަމުގައި ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް މާލޭގައި ދަނީ ހިނގާލުންތަކެއް ބާއްވަމުންނެވެ. މިއީ އަތޮޅު ތެރޭގައި އިދިކޮޅުގެ ލީޑަރޝިޕުން ބައިވެރިވެގެން ބޭއްވި މި ކެމްޕޭޏްގެ ފުރަތަމަ ހިނގާލުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!