ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ ޤުރުބާނީގެ އަގު ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދޭނެ: އަދުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިރޭގެ ޖަލްސާައި އަބްދުއްރަޙީމް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ޖަލުގައި ރައީސް ޔާމީން ހޭދަ ކުރެއްވި ދުވަސްތަކުގައި އެމަނިކުފާނުވެ ވަޑައިގެންނެވި ޤުރުބާނީގެ އަގު، އަންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދެއްވާނެ ކަމަށާއި ޕީޕީއެމްގެ ޓިކެޓްގައި އެމަނިކުފާނު ވަޑައިގެން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށް، ރައީސް ޔާމީން މިނިވަން ވުމާ ގުޅިގެން އިދިކޮޅުން މިރޭ ކާނިވަލް ސަރަހައްދުގައި ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވަނީ ސަރުކާރުން ކަންތައް ކުރަމުން އަންނަ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިކަމަށް އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި ފިއްލަވަން މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން ކަމަށާއި ރައީސް ޔާމީންގެ މައުސޫމުކަން ކޯޓު މެދުވެރިކޮށް ދައްކުވައިދީފި ކަމަށެވެ. އަދި އެފަދަ އަމުރަކީ ތާކުންތާކު ނުޖެހޭ އަމުރެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ދެ އަހަރަށް ފަހު ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީންވަނީ ބައިވެރިވެ ވަޑައިގަންނާފައޮ.. ދެން އިމޭޖްސް/ޝަމްވީލްި

އަދުރޭގެ ވާހަކަފުޅުގައި ވިދާޅުވީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ސަރުކާރުން ރައީސް ޔާމީނަށް ދިން ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތުގެ ބޭނުން ރައީސް ޔާމީން ނުހިއްޕެވި ކަމަށެވެ. ހޯމް މިނިސްޓަރު އިމްރާން ސީދާ ރައީސް ޔާމީންއާ ބައްދަލު ކުރައްވައި ބޭސްފަރުވާއަށް ބޭނުން ޤައުމަކަށް ދާން ހުށަހެޅުއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ތިމަން މަނިކުފާނަކީ [ރައީސް ޔާމީނަކީ] ތިމަން މަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތަކަށް ފިއްލަަވައިގެން ވަޑައިގަންނަވާނެ ބޭފުޅެއް ނޫނޭ. ތިމަން މަނިކުފާނަށް ލިބިވަޑައިގަންނަވާ އަނިޔާއަށް ވުރެ، ތިމަން މަނިކުފާނު އުފަންވީ ފަސްގަނޑަށާއި ދިވެހި ރައްޔިތުންނަށް ލިބެމުންދާ ހިތްދަތިކަމާއި އަނިޔާއާއި ގެއްލުން މާ ބޮޑުތަނުން ވެސް ބޮޑޭ" ބޭސްފަރުވާއަށް ވަޑައިގެންނެވެން އޮތް ވާހަކަ ވިދާޅުވުމުން ރައީސް ޔާމީން ވިދާޅުވި ކަމަށް މިރޭގެ ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ، ރައީސް ޔާމީން ރައްޔިތުންނަށް ޓަކައި ވެވަޑައިގެންނެވި ޤުރުބާނީގެ އަގު ވޯޓުން ރައްޔިތުން ދެއްވާނެ ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެންބަރުން ވެސް ފެށުނީއްސުރެ މިއަދާ ހަމައަށް ރައީސް މިނިވަން ވެދާނެ ކަމުގައި ކުޑަވެސް ޝައްކު ނުކުރައްވާ ކަމަށާއި އެއީ ރައީސް ޔާމީންގެ މައުސޫމްކަމާ މެދު ޝައްކު ނުކުރާތީ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ ދީނާއި ޤައުމުގެ ދިފާއުގައި ނިކުންނާނެ ވެރިއެއް ކަމަށާއި ޤައުމިއްޔަތާއި ދީން ހިމާޔަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ ބަރީއަ ނުވެވޭނެ ޒިންމާއެއް ކަމަށެވެ.

"މަނިކުފާނު ރައްޔިތުންނަށް ޓަކައި ތި ވަޑައިގެންނެވީ ވަރަށް މަތިވެރި ޤުރުބާނީއެއް. ތިޔަ ޤުރުބާނީގެ އަގަކީ އަދާކުރެވޭނެ ޤުރުބާނީއެއް ނޫން. އިރާދަ ކުރެއްވިޔާ އަޅުގަނޑުމެން ދިވެހި ރައްޔިތުން ތިޔަ ޤުރުބާނީގެ އަގު އަދާ ކުރާނީ ދެން އެންމެ އަވަހަށް މި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި" ރައީސް ޔާމީނަށް ދެއްވާ ވޯޓަކީ ރާއްޖޭގެ ދީނާ ސިޔާދަތު ދެމެހެއްޓުމަށް ދޭ ވޯޓެއް ކަމަށް އަދުރޭ ވިދާޅުވިއެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!