ޚަބަރު ޝަރުޢީ ދާއިރާ

ފިލައިގެން ދިއުމުގެ ވިސްނުމެއް ނެތް: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރ. ފުއްގިރި މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ ޝަރީއަތުގައި އެދުމުން ފިލައިގެން ދިއުމުގެ ޚިޔާލެއް ނުގެންގުޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ޔާމީންގެ މައްޗަށް ކުރަނީ ރ.ފުއްގިރި ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އާއްމުދަނީ، ލޯންޑަރކޮށް ބޭނުން ކުރި މައްސަލައެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން ފުރަތަމަ އަމުރެއް ނެރެފައި ވަނީ، ގއ. ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި 5 އަހަރުގެ ޖަލު ހުކުމް، މިދިޔަ މަހު 30 ވަނަ ދުވަހު، ސްޕްރީމް ކޯޓުން އިސްތިއުނާފް ކުރުމާ ގުޅިގެން ރައީސް ޔާމީން މިނިވަންވެވަޑައިގަތުމުންނެވެ. އެފަހަރު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ ޕާސްޕޯޓް ހަތް ދުވަހަށް ހިފެހެއްޓުމުގެ އަމުރެއް ދީފައެވެ. މިއަދުގެ އަޑު އެހުން ބާއްވައިފައި ވަނީ، ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދުމާ ގުޅިގެންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައި ވަނީ، ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި ވަނީ ކުރީގެ ރައީސްކަން ކުރައްވައިފައިވާ ބޭފުޅެއް ކަމަށްވާތީ ފިއްލަވައިގެން ވަޑައިގެންފި ނަމަ އަނބުރާ ގެންނަން އުނދަގޫވާނެތީ ކަމަށެވެ. އަދި ކުށެއްކޮށްފައިވާކަމުގެ އެކަށީގެންވާ ހެކި ހުރިކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީ މައްސަލައިގައި ހުކުމްކޮށްފައިވާ ކުރީގެ ނައިބުރައީސް އަހްމަދު އަދީބު ފިއްލަވަން އުޅުއްވުމަކީ ރައީސް ޔާމީން ފިއްލަވަން އުޅުއްވަފާނެ ކަމަށް ބެލެވޭ ކަމެއް ކަމަށް ދައުލަތުން ފާހަގަ ކުރިއެވެ. މިގޮތަށް ފާހަގަކޮށްފައި ވަނީ އެ މީހަކަށް ތުހުމަތުވާ ކުށުގައި ހިމެނޭ އެހެން މީހަކު ފިލަން އުޅުމަކީ، ސުޕްރީމް ކޯޓުން މީހަކު ފިލައިފާނެ ކަމަށް ކަނޑައެޅުމުގައި ބަލަން ޖެހޭ ކަންކަމުގައި ހިމެނޭ ކަމެއް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ފިއްލަވަން ނޫޅުއްވާ ކަމަށާއި ފުލުހުންނަށް އެމަނިކުފާނު ފިއްލަވައިގެން ވަޑައިގަންނަވަން އުޅޭކަމުގެ ހެކިތަކެއް ހުރި ނަމަ އެ ހެކިތައް ދިރާސާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި ކުރެއްވީ ވަރަށް ބޮޑު ތުހުމަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު ހަވީރު 4:00 ޖަހާއިރު މި މައްސަލައާ ގުޅޭ ގޮތުން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެއީ ގޮތެއް ނިންމަވައިފައި އިއުލާން ކުރައްވަން ބާއްވާ އަޑުއެހުމެކެވެ. އެއީ މި މައްސަލައާ ގުޅޭ އިތުރު މީހެއްގެ ޝަރީއަތަށް ފަހު ކަމަށް ގާޒީ ވިދާޅުވިއެވެ. މިއަދު 1:00ގައި މިމައްސަލައާ ގުޅުންހުރި، އަހުމަދު ކްރިކް ރިޒާގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ ތާވަލް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!