ޚަބަރު ސަރުކާރު

ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާތަކާއި ދެކޮޅަށް މަސައްކަތްކުރާނެ ސެންޓަރެއް ހުޅުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބުގެ ގޮތުގައި މަސައްކަތްކުރުމަށް ޓަކައި، ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް)ގެ ނަމުގައި ޤާއިމްކޮށްފައިވާ ސެންޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.

Ads by MWSC

މިކަމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެމް.އެން.ޑީ.އެފްގެ ލީޑަރޝިޕުގެ ބޭފުޅުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.

ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތްރެޓްތައް ނުވަތަ ޤައުމެއްގެ ބޯޑަރު ފަހަނައަޅައި، މުޅި ސަރަޙައްދަށް އޭގެ ބިރާއި ނާމާންކަން ފެތުރިފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކްރޮސްބޯޑަރ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ، ސަލާމަތީ ނަޒަރަކުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މޫތައް އިތުރަށް ވަރުގަދަވެ، ޓެރަރިސްޓް ނެޓްވަރކްތައް އިތުރަށް ފުޅާވެ، ދިވެހި އެތައް ދަރިންނެއް، އުފަން ފަސްގަނޑު ދޫކޮށް، ހަނގުރާމަތަކުގައި ބައިވެރިވުމަށް ޓަކައި ރާއްޖެއިން ބޭރަށް ފިލައިގެންދަނިކޮށް، 2019ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް އޮތް ނުރައްކަލެއްކަން ދެކެވަޑައިގެން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް ޕޮލިސީ"އެއްކަން އިއުލާންކުރައްވައިފައެވެ. ހަމައެއާ އެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިސްނަންގަވައިގެން، ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙުގެންނެވުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!