ރިޕޯޓް

ލަޔަކްގެ އާއިލާއަށް ހުވަފެނީ ދުވަހެއް، އެންމެންގެ ޚާއްޞަ ކުއްޖަކަށްވެ ، އެތައް ސަތޭކަ ބައެއްގެ ދީލަތި އެހީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ޔޫނުސް ލަޔަކް ފަރަހް ވަހީދް - ހާރލެކިއުން އިކްތިޔޯސިސް ބަލި ތަހައްމަލް ކުރަމުން ދާ ކުއްޖެއް

9 މަހުގެ ތުއްތު ޔޫނުސް ލަޔަކް ފަރަހް ވަހީދުއަކީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ކަމަށް ވާ ހާލެކްއަން އިކްތިއޯސިސް ތަހައްމަލް ކުރަމުން ދާ ކުއްޖެކެވެ. ލަޔަކްގެ މަންމައަށް އެންމެ ފުރަތަމަ ލިބުނު ކުއްޖާ ވަނީ މި ބަލީގައި ނިޔާވެފައެވެ. މި ބަލި ޖެހޭ ކުދިންގެ ހަށިގަނޑުގައި ފަޅައިގެންދާ ފަދަ ތޮށިގަނޑަކުން ހުރެއެވެ. މޫނުގެ ސިފަތައް ބަދަލުކޮށް، ނޭވާލާން އުނދަގޫވެ، އެކި އިންފެކްޝަންތަކުގެ ނުރައްކާ ކުރިމަތިވާ ހާލަތް މެދުވެރިވެއެވެ.

Ads by Hajj Corporation

ލަޔަކް އަށް 8 މަހުގައި ނަގާފައި އިން ފޮޓޯ އެއް

ލަޔަކްގެ މަންމަ އިއްޔެ ވަނީ ލަޔަކްއާ ގުޅޭ ގިނަ މަޢުލޫމާތު ތަކެއް "ދެން"އާ ހިއްސާކޮށްފައެވެ. އެއަށް ފަހު ގިނަ ބަޔަކު ލަޔަކްއާ އެކީ ކުރިޔަށް ދިޔުމަށް ހިތްވަރުން ދިން ކަމަށާއި ހެޔޮ އެދޭ ގިނަ ފަރާތްތަކުން ލަޔަކްގެގެ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމަށް ލަޔަކްގެ މަންމަ ކިޔައިދިނެވެ. އަދި ގިނަ ބައެއްގެ އެހީތެރިކަމާ އެކު ފުރަތަމަ 24 ގަޑިއިރު ތެރޭ 4 ލައްކަ ރުފިޔާ ލިބުނު ކަމަށް ބުންޏެވެ.

"ދެން"އަށް މަޢުލޫމާތު ދެމުން ލަޔަކްގެ މަންމަ ހައްވާ އުލާ އިބްރާހީމް މިއަދު ބުނީ ވަރަށް ގިނަ ބަޔަކު ލަޔަކްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ފައިސާގެ އިތުރުން ވަރަށް ގިނަ ބައެއްގެ ހިތްވަރާއި ހެޔޮ ދުޢާ ލިބުނު ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

ލަޔަކްގެ ބޭސް ފަރުވާއަށް މިއަދު ހެނދުނުގެ ނިޔަލަށް 5 ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައި ވެއެވެ. އޭގެ ތެރޭގައި ވަރަށް ދީލަތި ފަރާތަކުން 10,000 ރުފިޔާ ވެސް ފޮނުވައިފައިވާ ކަމަށް އުލާ ބުންޏެވެ.

"ވަރަށް ގިނަ ބަޔަކު ލަޔަކްއަށް އެހީތެރިކަން ފޯރުކޮށްދިން. ފައިސާގެ އިތުރުން ހިތްވަރު ވެސް ދިން މިކަމާ ކުރިމަތި ލާން. ހިޔެއް ވެސް ނުކުރަން އެހާ އަވަހަށް އެހާ ގިނަ ބައެއްގެ ލޯތްބާ އެހީތެރިން ލިބޭނެ ކަމަކަށް ވެސް. މިއަދު ހެނދުނުގެ ނިޔަލަށް 5 ލައްކައަށް ވުރެ ވެސް ގިނަ ފައިސާ ލިބިފައިވޭ. އެކަކު އިން 10,000 ރުފިޔާ ވެސް ފޮނުވައިފަ. އެ ރުފިޔާ ޖަމާކޮށްފަ ވައިބާއިން އެމީހާ އިން ސްލިޕް ފޮނުވާފަ. ބުނެދޭން ވެސް ނޭނގޭ އިހުސާސްތަކެއް މިއީ" އުފަލުން ފޮޅިފައިވާ އުލާ ކިޔައިދިނެވެ.

އުލާ ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަށް ލަޔަކްގެ ފަރުވާއަށް ދިޔުން ކަމަށެވެ. އެހެން ނަމަވެސް ލަޔަކްގެ ބައްޕަ ވަޒީފާ އަދާ ކުރާ ތަނުން ޗުއްޓީ ހަމަ ނުޖެހޭ ކަމަށާއި ލަޔަކްގެ ފަރުވާއަށް ދެވޭ ވަރު ވާނީ ލަޔަކްގެ ބައްޕައަށް ޗުއްޓީ ލިބުމުން ޖެނުއަރީ 2, 3 ހިސާބުގައި ކަމަށް އުލާ ބުންޏެވެ.

"މިހާރު މި ބަލަނީ ހަމަ ވީ އެންމެ އަވަހަކަށް ފުރައިގެން ދެވޭތޯ ލަޔަކްގެ ފަރުވާއަށް. އެކަމަކު ފިރިމީހާއަށް ޗުއްޓީ ހަމަ ނުޖެހިގެން މިތިބީ. ހަމަ ޖެހުނު ހާ އަވަހަށް ދާ ގޮތަށް. ދެވޭ ވަރު ވާނީ ޖެނުއަރީ 2 ނޫނީ 3 ވަނަ ދުވަހު. މިއަދު އެނގޭނެ މާލެ ދެވޭ ޑޭޓް " އުލާ ބުންޏެވެ.

އުލާ ބުނީ ލަޔަކްގެ ވާހަކަ އާންމުންނާ ހަމަޔަށް ވައިރަލް ވި ހިސާބުން ފެށިގެން ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމަށާއި ހުވަފެނުގައި ވެސް ލަޔަކްގެ ފަރުވާއަށް އެހާ ވަރަހަށް ފުރައިގެން ބޭރަށް ދެވޭނެ ކަމަށް ހީނުކުރާ ކަމަށެވެ. އުފަލުން ފޮޅިފައި ހުރި އުލާ ވަނީ އެހީތެރިވެދިން ހުރިހާ ފަރާތްތަކަށާއި ކުރިޔަށް ދާން ހިތްވަރު ދިން އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އުލާ ބުނީ ލަޔަކްއާ އެކީ ކުރިޔަށް ދާން ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށާއި ލަޔަކްގެ ނަމުގައާއި އާއިލާގެ އެންމެންގެ ނަމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވާ ކަމަށެވެ.

"ގަބޫލެއް ވެސް ނުކުރަން ލަޔަކްގެ ސްޓޯރީ ދަންވަރުން ފެށިގެން ވައިރަލްވާނެ ކަމަކަށް ވެސް. ހަމަ  ހުވަފެނުގައި ވެސް ހީނުކުރަން މިހާ އަވަހަށް ލަޔާކްއާ އެކީ ރާއްޖެއިން ބޭރަށް ގެންދެވޭނެ ކަމަަކަށް.
ތިޔައިން ކޮންމެ ބޭފުޅަކަށް ވެސް ވަރަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. އެންމެންގެ އޯގާތެރި ބަސްތަކުން އަޅުގަނޑުމެންނަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ލަޔަކްއާ އެކު ދެމިތިބުމަށް. ލަޔަކްއާއި މުޅި އާއިލާގެ ނަމުގައި ތިޔައިން ކޮންމެ ބޭފުޅަކަށް ވެސް ޝުކުރު އަދާކުރަން، އެ ހިސާބަށް އައިސް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ މީހުންނަށް" އުލާ ކިޔައިދިނެވެ.

ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ މި ބަލި ތަހައްމަލް ކުރަމުންދާ ޔޫނުސް ލަޔަކް އަކީ ވަރަށް މީހުންނާ ގުޅޭ, ވަރަށް ހިތްވަރުގަދަ ކުއްޖެއް ކަމަށް އުލާ ބުންޏެވެ. ލަޔަކްއަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބޭ ކުއްޖެއް ކަމަށާއި އުއްމީދަކީ ބަލިން ރަނގަޅުވެ އަވަސް މުސްތަގުބަލެއްގައި އެންމެންނާ ބައްދަލުވުން ކަމަށް އުލާ ބުންޏެވެ.

ލަޔަކްގެ މަންމަގެ ވާހަކައިން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ މައިން ދަރީންނަށް ޓަކައި ކުރާ ފޮނި އުއްމީދުތަކާއި، ވާ ގުރުބާނީއެވެ. ކޮންމެ އިންސާނަކީ އެންމެ ފުރިހަމަ ސިއްހަތެއްގައި ހުންނާނެ މީހެއް ނޫނެވެ. އެކި މީހުންނަށް ދިމާވާނީ އެކިއެކި ސިއްހީ މައްސަލަތަކެވެ. އަޅުގަނޑުމެންގެ ޒިންމާއަކަށް ވާންވީ މިހާރު ވެސް ދިވެހީން ދައްކަމުންދާ ނަމޫނާގައި ދެމިތިބުމެވެ. އެކަކު އަނެކަކާ އެހީތެރިވެ އަޅައިލުމެވެ. މާދަމާ ، އެހެން މީހުންގެ އެހީއަށް އެދެން ޖެހޭނީ ތިބާ ކަމަށް ވުމީ ވެސް ވެދާނެ ކަމެކެވެ. 

އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައިފައި ވެއެވެ.

مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى [رواه مسلم]

މާނައީ: “އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާއި އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގައިލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.”

މި ނަމޫނާގައި ދެމިތިބޭ ބައެއްކަމުގައި އަޅަމެން ލައްވާށިއެވެ. ލަޔަކްއަށް އަވަސް ހަލި ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން!

Ads by Ooredoo
  1. ށަވިޔަނި

    ދެންނޫހުގެ ފަރާތުން ލަޔަކްގެ ވާހަކަ ގެނެސްދިނީތީ ޝުކުރިއްޔާ. ރާއްޖޭގެ އެކި އޮންލައިން ނޫސް ތަކުން މިފަދަ ބަލިޙާލުގައި ތިބި މާލީޙާލަތު ނެތި ބޭސް ފަރުވާ ނުކުރެވި ތިބިމީހުނަށް ތިކޮށްދެއްވާ މަސައްކަތުގާ ސާބިތުވެ ތިއްބަވާ. މާތްﷲއެބަޔަކަށް ދަރުމަޔާ ހެޔޮގޮތް މިންވަރު ކުރައްވާށި.ބޭބީއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އާމީން.

  2. ޒައިނަބު

    ހަބަރު ކިޔާލުމުން ރޮވުނު…ބދިވެހިންގެ ހިތްހެޔޮކަން ފެނުނީމަ… ކުޑ ކުޑަ ފުރާނައަށް އަވަސް ޝީފާއެއް މިންވަރު ކުރައްވާށި އާމީން…

    • ލިޔާހިތުން

      ޚަބަރު ކިޔާލުމުން ވަރަށް އުފާވި. ދީލަތި މީހުންގެ މުދަލުގާ މާތްﷲ ބަރަކާތް ލައްވާނދޭވެ. ކުޑަދަރިފުޅަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.އާމީން

  3. ބޭބީ އަށް އަވަސް ޝިފާ އެއް މިންވަރު ކުރައްވާށި.އާމީން