ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޔަނާއި ކެއިކޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޖަޕާނުގެ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ދަޢުރުގައި ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވައިފައި މަސައްކަތްތައް ފާހަގަކުރައްވައި ތަޢުރީފު ކުރައްވައިފައެވެ. މީގެ އިތުރުން ރައީސް ވަނީ ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. ޚާއްޞަގޮތެއްގައި މާލޭގެ ކަނޑުތޮށިލުމަށް ޖަޕާނު ސަރުކާރުން ދެއްވައިފައިވާ އެހީއާއި ރާއްޖޭގެ ދަރިވަރުންނަށް ކޮންމެ އަހަރަކު ޖަޕާނު ސަރުކާރުން ދެއްވަމުން އަންނަ ސްކޯލަރޝިޕް ފުރުޞަތުތައް ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ރާއްޖޭގައި ހުންނެވި މުއްދަތުގައި، ދިވެހި ސަރުކާރުން ދެއްވި އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާ އެކު ފާހަގަ ކުރައްވައި، ޖަޕާނުގައި ރާއްޖޭގެ މުއްސަނދި ސަޤާފަތް ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19އާ ގުޅިގެން ޖަޕާނު ސަރުކާރުން 5 ބިލިއަން ޔެންގެ އެހީތެރިކަން ރާއްޖެއަށް ދެއްވައިފައި ވާތީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޖަޕާނު ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން މިއީ ޖަޕާނު ސަރުކާރުން މިހައިތަނަށް ރާއްޖެއަށް ދެއްވި އެންމެބޮޑު ކޮންސެޝަނަލް ލޯނުކަން ފާހަގަކުރައްވައި، މިއީ ޖަޕާނު ސަރުކާރުގެ ދީލަތިކަމާއި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޖަޕާނުގެ ސަފީރު ވަނީ ރައީސް 2019ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޖަޕާނަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސްއާ ޖަޕާނުގެ ސަފީރު ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.
ކުރިޔަށް އޮތް 2022ވަނަ އަހަރަކީ ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރޭ އަހަރެވެ.