މޮނިޓަރިން އުވައިލިޔަސް ކޮވިޑް-19 އެބައޮތް،ރައްކާތެރިވޭ: މޭޔަރު ނިޒާރު

އައްޑޫ ސިޓީގައި މޮނިޓަރިންގެ ހާލަތު އުވައިލިޔަަސް، ކޮވިޑް-19އަށް ރައްކާތެރިވުމަށް، އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ގޮވައިލައްވައިފިއެވެ.
އައްޑޫގައި ހަތަރު މަހަށް ދެމިގެން ދިޔަ މޮނިޓަރިންގެ ހާލަތު ރޭ ވަނީ އުވައިލައިފައެވެ. އެއާ އެކު އައްޑޫގައި އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.
މިރޭ އައްޑޫ އެޗްއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިޒާރު ވިދާޅުވީ، އައްޑޫގައި މި ވަގުތު 50 ފައްސި ވޭދަނަ އުޅޭ ކަމަށެވެ. އަދި އައްޑޫ މޮނީޓަރިން ހާލަތުން ނެގުމަށް ނިންމީ ހާލަތަށް އައި ބަދަލާއި އަދި ވަކި ތަރުތީބެއް ނެގި ސުންކުތަކުން ލިބުނު ނަތީޖާތަކަށް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާރު އިތުރަށް ވިދާޅުވީ، މިއަދު ވެސް އައްޑޫން ހަތް މީހަކު ބައްޔަށް ފައްސިވި ކަމަށެވެ. އަދި އައްޑޫގައި އަދިވެސް ބަލި އުޅޭކަން ދަނެގެން ކަންތައް ކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
"ހާލަތު އަނެއްކާ ވެސް ބަދަލުވެއްޖެ ނަމަ އަލުން މޮނީޓަރިން އަދި ފިޔަވަޅުތައް އަޅަން ވެސް މަޖުބޫރުވާނެ" ނިޒާރު ވިދާޅުވިއެވެ.