“އިންޑިއާ އައުޓް” އެއްވުމުގެ ތެރެއިން 28 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" އެއްވުމުގެ ތެރެއިން 28 މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކުރިޔަށް ދިޔަ ހަރަކާތުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި އަންހެނުން ވެސް ހިމެނެއެވެ.
ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މިއަދު ކުރިޔަށް ދިޔަ ހަރަކާތުގެ ތެރެއިން މީހުން ހައްޔަރުކޮށްފައި ވަނީ ވަރަށް “އަނިޔާވެރި”ކޮށް ކަމަށެވެ. އަދި ހައްޔަރު ކުރުމުގައި ފުލުހުން އަނިޔާވެރިވެ ބާރުގެ ބޭނުން ކުރި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލައި "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕޭނު، މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގައި ވެސް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި މި ކެމްޕޭނު ކުރިއަށް ގެންދިޔުމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ މި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.
އިންޑިއާ އައުޓް