ޚަބަރު ސިޔާސީ

މިސްކިތްތައް ޑްރަގް ވިޔަފާރި ކުރާތަނަކަށް ވީއިރު، ސަރުކާރަށް ކުރެވުނު ކަމެއް ނެތް: އާދަމް ޝަރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް އުމަރު ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރު އައި ފަހުން މިސްކިތްތަކުގައި ޑްރަގް ވިޔަފާރި ކުރަމުން އަންނަ ކަމަށާއި އެކަން ހުއްޓުވުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށް ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީން ވާދަކުރައްވާ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެންޕެއިން ޖަލްސާއެއްގައި މިއަދު ށ. ކޮމަންޑޫގައި ވާހަކަ ދައްކަވަމުންނެވެ.

"މިސްކިތްތައް ބަދަލުވެގެން އެދިޔައީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ތަނަކަށް. ކޮން ފިޔަވަޅެއްތޯ އެޅުނީ ސަރުކާރެއް. މިކަންތައް ހުއްޓުވުމަށް ޓަކައި އެއްވެސް ކަމެއް ނުކުރެވުނެއް ނޫންތޯ" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިމޭރުމުން އާދަމް ޝަރީފް އުމަރު ވާހަކަފުޅު ދައްކަވާފައި ވާއިރު، މާލޭގެ މިސްކިތްތަކުގައި ޑްރަގް ވިޔަފާރި ކުރާ ކަމަށާއި އެކަންތައް ހުއްޓުވުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މީގެ ދެތިން މަސް ކުރިން މާލޭގެ މިސްކިތެއްގެ ކައިރިން ޑްރަގާ އެކު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިސްކިތްތަކުގައި ކައިބޮއެ، އެއްޗެހި ދޮވެ ހަދާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. މިފަދަ މައްސަލަތައް ދިމާވުމުން، މާލޭގެ ކިސްކިތްތަކުގައި ކެމެރާ ހަރުކުރަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމަވައިފައެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، މި ސަރުކާރަށް ނިސްބަތްވާ ބަޔަކު ދީނަށް ގޮން ޖަހަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅުނާޅާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ބޭނުން ވަނީ މިފަދަ ބޮޑެތި މައްސަލަތަކާ ދެކޮޅަށް ސީދާ އަޑު އުފުލައިދޭނެ އަދި ރައްޔިތުންގެ އިޙްސާސްތަކާއި ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ބޭފުޅެއް ކަމަށެވެ. އަދި އެ ބޭފުޅަކީ ޕީޕީއެމްގެ ކެނޑިޑޭޓްކަމަށް ވިދާޅުވިއެވެ.

"މޫސާ ފަތުހީއަކީ ހިންގުންތެރިކަމާއި، އިލްމުގެ ގޮތުން ރައްޔިތުންގެ އިހްސާސްތަކާ އެކު، ޖެހިލުންވުމެއް ނެތި ބަސް ބުނާނެ ބޭފުޅެއް. ޤާނޫނީ ވަކީލެއް އެ ބޭފުޅަކީ.. މި ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ދެކޮޅަށް، މަސްތުވާތަކެއްޗާ ދެކޮޅަށް މިއަދު ސަރުކާރުން ކުރަމުންދާ އެތައް ކަމަކާ ދެކޮޅަށް ބަސްބުނާނެ ބޭފުޅެއް އެ ބޭފުޅާއަކީ" އާދަމް ޝަރީފް ވިދާޅުވީ، މި ޤައުމު ސަލާމަތް ކުރަން ބޭނުން ނަމަ، ޕީޕީއެމް ކެނޑިޑޭޓަށް ވޯޓް ދެއްވަން ޖެހޭ ކަމަށެވެ.

Ads by Allied Insurance
  1. ނޮރަ

    ތިބޭފުޅުން 5 އަހަރު ކުރިއެރުވި ދީނާ ސަރުކާރު ހިންގި ގޮތާ މެންބަރުންނާމެދު އަމަލުކުރި ގޮތާ ސަރުކާގެ ފައިސާއަށް ހެދިގޮތާ ޒުވާނުން މަގުމަތީގައި މަރުވަމުން ދިޔަ މިންވަރާ، ސަރުކާރުގެ ދޯހަޅި ސިޔާސަތާ އިދިކޮޅު މީހުންނާއި، ނޫސް މަޖައްލާތަކާމެދު ކަންކުރިގޮތް ދިވެހިން ހަނދާން ނުނެތެއެއްނު.