ސިޔާސީ

އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބިއްޖެ ނަމަ، ހުރިހާ އެއާޕޯޓެއް ވިއްކައިލާނެ: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު، ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް

ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އަށް ށ.ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބިއްޖެ ނަމަ، އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ އައިލެންޑް އޭވިއޭޝަން ވިއްކާލުން ކަމަށާއި، އެއަށް ފަހުގައި، ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރެއް ވެސް ވިއްކާލާނެ ކަމަށް ކުރީގެ ނައިބު ރައީސް، އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީ އާދަމްގެ ކެމްޕެއިން ޓީމުން، ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޖަމީލު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބިއްޖެ ނަމަ، ދަރުމަވަންތަ ހޮސްޕިޓަލާއި، އައިލެންޑް އޭވިއޭޝަން ވެސް ބޭރުގެ ބަޔަކަށް ވިއްކައިލާނެ ކަމަށެވެ.

"ތިންވަނަ ކަމަކަށް ނިންމައިފައި އޮތީ، ދިވެހިރާއްޖޭގެ ޕޯޓްސް އޮތޯރިޓީ ވިއްކާލުން. ހަތަރުވަނަ ކަމަކަށް ނިންމައިފައި އޮތީ، ދިވެހިރާއްޖޭގައި ހުރި ހުރިހާ ވައިގެ ބަނދަރުތަކެއް ވިއްކާލުން. ފަސްވަނަ ކަމަކަށް އޮތީ އެންމެ ނުރައްކާތެރިކަންތައް. ފަސްވަނަ ކަމަކަށް ނިންމައިފައި އޮތީ ރާއްޖޭގެ ރައްޔިތުންނަށް ނޭނގޭނެ ގޮތަށް ބޭރުގެ ރައްޔިތުންނަށް ދިވެހިރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއަށް އެހެންދީންތަކުގެ މީހުން ގެނެސް ވައްދަން ފެށުން." ޖަމީލު ވިދާޅުވިއެވެ.

މީގެއިތުރުން ޖަމީލު ވިދާޅުވީ، އެމްޑީޕީއަށް މިފަހަރުގެ ބައި-އިލެކްޝަން ކާމިޔާބު ވެއްޖެ ނަމަ، ދިވެހި ރައްޔިތުންނަށް ނޭނގި، ސިއްރު ސިއްރުން، ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ވެސް ފޮހެލާނެ ކަމަށެވެ. އެގޮތުން އެކަން ކުރުމަށް ޓަކައި ދަރިވަރުން ކީރިތި ޤުރުއާނާ ދުރު ކުރާނެ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އަދި ދީނީ ތަގުރީރު ކުރުމަކީ ވެސް ކުށަކަށް ހަދާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ބައި-އިލެކްޝަންގެ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށްދާއިރު، މި އިންތިހާބުގައި ޕީޕީއެމްގެ އިތުރުން، އެމްޑީޕީ އަދި އެމްއެންޕީން ވާދަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!