ރިޔާޒު ސިއްޕެއަށް: އަމާޒަކީ އަނެއް ދެ ކެނޑިޑޭޓުން ބަލި ކުރުން
މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ އަމާޒު ވަަރަށް ސާފު ކަމަށާއި، އެޕާޓީގެ އަމާޒަކީ ވާދަވެރި ދެ ކެނޑިޑޭޓުން ބަލި ކުރުން ކަމަށް ވިދާޅުވެ، އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
ކާނަލް ނާޒިމާއި އަބްދުﷲ ރިޔާޒް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން މަސައްކަތް ކުރަނީ އިދިކޮޅު ޕީޕީއެމްއަށް، ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްދިނުމަށް ކަމަށް ޝިފާޒު ވަނީ ވިދާޅުވެފައެވެ.
ސިއްޕެ މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ވާދަ ކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ށ. މަރޮށީގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ސިއްޕެ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި އެތައް އަނިޔާއެއް ދިން މީހުން ތަކެއް އިސްވެ، އުފެއްދި އެމްއެންޕީން ވެސް މިއަދު މަސައްކަތް ކުރަނީ، ރައީސް ޔާމީންގެ ޕާޓީއަށް ގޮނޑިއެއް ހޯދައިދިނުމަށް ކަމަށެވެ.
އޭނާގެ ވާހަކައަށް ރައްދު ދެއްވައި ރިޔާޒު މިއަދު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެމްއެންޕީއިން މަސައްކަތް ކުރަނީ، އަނެއް ދެ ކެނޑިޑޭޓުން ބަލިކޮށް، އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަން ކާމިޔާބު ކުރުމަށް ކަމަށެވެ.
އޭނާ ކުރެއްވި ޓްވީޓުގައި، އެމްއެންޕީގެ އަމާޒު ތަފްސީލު ކޮށްދެއްވައި، އެހެން ކަންކަން ވެސް ބަޔާން ކުރެއްވިއެެވެ.
"ފުދުންތެރި ރައްޔިތެއް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރުން. ހައްގުމިންވަރު ހޯދައިދިނުމަށް ވަކާލާތުކުރުން. އެމްޑީޕީ ނުވަތަ ޕީޕީއެމް ނޫންގޮތެއް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުން." ރިޔާޒު ކުރެއްވި ޓްވީޓުގައިވެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން ވަަރަށް ފޯރީގައި ކުރިއަށްދާއިރު، މި އިންތިހާބުގައި އެމްޑީޕީގެ އިތުރުން ވާދަ ކުރަނީ ޕީޕީއެމްއާއި އެމްއެންޕީއެވެ.