ޚަބަރު ސިޔާސީ

އިންޑިއާ އައުޓެއް ނޫން، ޓީޝާޓުގައި ޖަހަންވީ ނަޖިސް އައުޓް: ހަންނާނު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެންޕެއިނަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރާ ކެނޑިޑޭޓް އަބްދުﷲ ހަންނާން ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ އެމްއެންޕީން މާލޭގައި ބޭއްވި ކެންޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަށް އިޝާރާތް ކުރައްވާ ވިދާޅުވީ، އެ ބޭފުޅާ ކުރައްވަމުން އަންނަނީ ކަމާ ނުގުޅޭ މަސައްކަތް ކަމަށެވެ. މިގޮތުން ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުދަނގޫތަކަށް ހައްލު ހޯދައިދުމަށް މަސައްކަތް ކުރަން ޕީޕީއެމް ކެނޑިޑޭޓަށް ހަންނާން ގޮވައިލެއްވިއެވެ.

"އަޅުގަނޑުމެންގެ އަނެއް ކެނޑިޑޭޓް މި އުޅެނީ އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލަތައް އޮއްވާ، ވަކި ވައްތަރެއްގެ ޓީޝާޓެއް ލައިގެން ކޮންމެވެސް އައުޓެއް ޖަހައިގެން އެ މަސައްކަތް ކުރުމަށް ޓަކައި. އިޚްލާސްތެރި މަސައްކަތެއް ކުރާނަމަ، ކޮމަންޑޫގައި ނަޖިސް ބޭރު ކުރެވޭ ގޮތެއް ނެތް. މަރޮށީގައި ނަޖިސް ބޭރު ކުރެވޭ ގޮތެއް ނެތް. ފޯކައިދޫގައި ނަޖިސް ބޭރު ކުރެވޭ ގޮތެއް ނެތް. އެހެންވީމަ ޓީޝާޓުގައި ޖަހަންވީ ނަޖިސް އައުޓޭ ނޫންތޯ" ހަންނާން ވިދާޅުވިއެވެ.

އިދިކޮޅުން ކޮމަންޑޫ ދާއިރާގައި ކުރަމުން އަންނަ ކެންޕެއިންގެ ތެރެއިން، އިންޑިއާ އައުޓް ކެންޕެއިން ވެސް ދަނީ ހިންގަމުންނެވެ. މިގޮތުން ކޮމަންޑޫގެ ގޮނޑި އިދިކޮޅަށް ދޭން ޖެހޭ އިންޑިއާ އަސްކަރީ ސިފައިން ޤައުމުން ބޭލުވުމަށް ކުރާ މަސައްކަތެއްގެ ގޮތުން ކަމަށް އިދިކޮޅުން ވިދާޅުވެއެވެ.

"އިންޑިއާ އައުޓް"އާ ދެކޮޅަށް އެމްއެންޕީއިން މީގެ ކުރިން ފާޅުގައި ބަސް ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން، އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވަނީ، ރާއްޖޭގައި ބޭރު ސިފައިންގެ ބަޔަކު ތިބުމާ އެ ޕާޓީން ދެކޮޅު ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އިދިކޮޅުން ކަންކުރަމުން އަންނަނީ ތަހްޒީބުވެފައިވާ މުޖުތަމައަކުން ބަލައިގަންނަ ގޮތަކަށް ނޫން ކަމަށް ވެސް އޭރު ނާޒިމް ވިދާޅުވިއެވެ.

އިދިކޮޅު ކެނޑިޑޭޓްގެ އިތުރުން ހަންނާނުގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުގެ ކެނޑިޑޭޓަށް ވެސް ފާޑު ވިދާޅުވެފައެވެ. ސަރުކާރު ފަރާތުން މި ދާއިރާއަށް ވާދަ ކުރާ ކެނޑިޑޭޓާ ގުޅޭ ގޮތުން ހަންނާން ވިދާޅުވީ، އޭނާކީ "އެއް ޕާޓީއަށް ސޮއިކޮށްފައި، އަނެއް ޕާޓީއަށް ސޮއިކޮށްފައި." އުޅޭ މީހެއް ކަމަށެވެ.

ހަންނާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީއަށާއި ޕީޕީއެމްއަށް ވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ފުރުސަތު ދީފި ކަމަށާއި މިފަހަރު ފުރުސަތު ދޭންވާނީ ތަފާތު ކެނޑިޑޭޓަކަށް ކަމަށެވެ. އަދި ހަންނާނު ހޮއްވަވައިދީފި ނަމަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"މިފަދަ މައްސަލަތައް ހައްލުކޮށް ދިނުމަށް ޓަކައި ސިޔާސީ ޕާޓީއަކާ ގުޅިގެން އަޅުގަނޑު މި މަސައްކަތަށް ނުކުތީ،" ހަންނާނު ވިދާޅުވިއެވެ.

  1. ަަށވޔަނި

    ހަންނާނުވެސް އުޅެބަލަ ޕީޕީއެމާއާ އެކައްޗެއް ކިޔަން އޭރުން ސަރުކާރު ބަލިވާނީ

  2. ދދދދ

    ފިސްތޯލަ އައުޓް ޖަހާނީ. ކެކެކެ