އިންތިޚާބު ކައިރިވުމުން ކުރު ދޮށީގައި ވަޒީފާތައް ބަހައިލައިފި: ނާޒިމް

ދެތިން އަހަރު ވަޒީފާ ހޯދަމުން ދިޔަ ގިނަ ފަރާތްތަކަކަށް، ކޮމަންޑޫ ދާއިރާގެ އިންތިޚާބު ކައިރިވުމުން، ކުރުދޮށީގައި މަސް ބާނާހެން، ވަޒީފާތައް ބަހައިލައިފިކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާއަށް އެ ޕާޓީން ވާދަ ކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ކޮންމެ މީހަކީ ވެސް ވަޒީފާގެ ފުރުސަތު އޮންނަން ޖެހޭ މީހެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް، ވަޒީފާ ދޭން ޖެހޭނީ ޤާބިލް މީހުންނަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ތިން ރަށުގައި ހަރަކާތްތެރިވިއިރު، އެންމެ ބޮޑަށް އިވުނު ވާހަކަ. އަޅުގަނޑުމެން ބޭނުން ވަނީ ޒުވާން، ޤާބިލް މީހުންނަށް ވަޒީފާ ދޭން. މަގުމަތީ ހަޅޭލަވާފައި އުޅޭ މީހުންނަށް ވަޒީފާ ދިނުމަކީ އަޅުގަނޑުމެން ކުރަން ކޮންމެހެން ބޭނުން ކަމެއް ނޫން." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ތައުލީމީ ކުދިންނަށް ވަޒީފާ ދޭން ޖެހޭ ކަމަށާއި ގުދާރު ބިންދައިގެން އަޅުގަނޑުމެންގެ އާއިލާތަކުން ކޮށްދޭ މަސައްކަތްތަކުގެ އަގު ވަަޒަން ކުރެވޭނީ އޭރުން ކަމަށެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި ހަމަހަމަކަމާ އެކީގައި، ހުރިހާ އެންމެނަށް ވަޒީފާ ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑާ ދިމާވި، އޭ ލެވެލް ހަދައިފައި ތިބި ކުދިން، ޑީގްރީ ހަދައިފައި ތިބި ކުދިން.، މާސްޓާސް ހަދައިފައި ތިބި ކުދިން ވެސް. ވަޒީފާއެއް ނެތް ތަންތަނަށް ވަޒީފާއަށް ލާ ހިނގާތާ، ދޮޅު އަހަރު، ދެ އަހަރު، ތިން އަހަރު. ނުލިބޭ." ނާޒިމް ވިދާޅުވީ، އިންތިޚާބު ކައިރިވުމުން، ކުއްލިއަކަށް ގިނަ ވަޒީފާތަކެއް އުފެދުނު ކަމަށާއި އެއީ އެކަން ވާން ޖެހޭ ގޮތް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ނާޒިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެ ޕާޓީން މަސައްކަތް ކުރަނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ކަމަށެވެ. ނަމަވެސް އިޤްތިޞާދުގެ ވާހަކަ އެހެން ޕާޓީތަކުން ނުދައްކާތީ ނާޒިމް ވަނީ ކަންބޮޑުުވުން ފާޅު ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، އިޤްތިޞާދު ނެތް ޤައުމަކީ ޤައުމެއް ނޫން ކަމަށެވެ. އަދި އެ ޤައުމެއްގެ ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެމްއެންޕީގެ މެނިފެސްޓޯއިން ކޮށްދެނީ އެކަންތައް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދާ ހަމައަށް ވެސް ރައްޔިތުންގެ ހާލު ބެލުމަށް އެމްއެންޕީން ކުރި މަސައްކަތް ކުރެވުނު އެހެން އެއްވެސް ޕާޓީއެއް ނޯންނާނެ ކަމަށެވެ. އަދި އެމްއެންޕީން އެ މަސައްކަތުގައި ދެމި އޮންނާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އެހެން ވެގެން މިގޮވާލަނީ ނާޒިމް ޕީޕިއެމްފަޅިޔަށް އަރާށޭ ތިބައި މީހުންނަށް ފިލާވަޅެއްދޭން