ދީން

ޚުތުބާ: ސުވަރުގޭގެ އަށް ދޮރުކޮޅާއި، ނިމުމެއް ނުވާ ނިޢުމަތްތަކުގެ ވާހަކަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައި ވަނީ ސުވަރުގޭގެ މަތިވެރި ނިއުމަތްތަކުގެ މައްޗަށެވެ.

ސުވަރުގޭގެ ފުރިހަމަކަން ބަޔާންކުރައްވައި، ޤުދުސީ ހަދީޘެއްގައި މާތް ނަބިއްޔާ (ޞޢވ) ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

މާތް ﷲ ވަހީ ކުރެއްވެވިއެވެ. ތިމަންރަސްކަލާނގެ ޞާލިޙު އަަޅުތަކުންނަށް ޓަަކައި، އެއްވެސް ލޮލަކަށް ފެނިފައި ނުވާ، އެއްވެސް ކަންފަތަކުން އަޑުއަހައިފައި ނުވާ، އަދި އިންސާނެއްގެ ހިތަށް ވެސް އަރައިފައި ނުވާ ފުރިހަމަ ތަނެއް ހެއްދެވީމެވެ.

މިބަސްފުޅުގެ ސާބިތު ހެކި ކީރިތި ޤުރްއާނުގައިވެއެވެ.

ފަހެ އެއުރެންނަށް ޓަކައި ފޮރުއްވައިފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަން ދެނިވި، ސުވަރުގޭގެ ނިއުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށް އުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ.

ސުވަރުގޭގައި އަށް ދޮރުކޮޅުވެއެވެ. އެތަނުގައި މަލާއިކަތްބޭކަލުން ސުވަރުގެވަންތަވެރިންނަށް އިސްތިޤުބާލު ކުރައްވައި،މަރުހަބާ ކިޔުއްވާނެތެވެ. އަދި އެ ދޮރުކޮޅުތަކުން އަމާންކަމާއި ރައްކާތެރިކަމާ އެކު، ސުވަރުގެ ވަނުމަށް ހުށަހަޅުއްވާނެތެވެ.

މާތް ﷲ އާ ކުއްތަންވުމަށްޓަކައި ފަރްޟު އަޅުކަމުގެ އިތުރުން، ސުންނަތް އަޅުކަންތައް ގިނަ ކުރުމަށް އިސްލާމްދީނުގައި ބާރުއަޅުއްވައިފައިވެއެވެ. ކީރިތި ރަސޫލާ (ޞޢވ)ގެ ޙަދީޘުން ސާބިތުވާ ގޮތުގައި ގިނަގިނައިން ހެޔޮ ޢަމަލު ކުރާ މީހުން ސުވަރުގެ ވައްދަވާނީ، އެމީހުން ކުރި އަމަލުތަކާ ގުޅޭ ދޮރުކޮޅަކުންނެވެ. (ގިނަގިނައިން ސުންނަތް) ނަމާދުކޮށް އުޅުނު މީހަކު ނަމަ، ނަމާދަށް ޚާއްސަ ދޮރުކޮޅުންނެވެ. ޖިހާދުކޮށް އުޅުނު މީހަކު ނަމަ، ޖިހާދަށް ޚާއްސަ ދޮރުކޮޅުންނެވެ. ފަހެ އޭނާއީ (ގިނަގިނައިން ސުންނަތް) ރޯދަ ހިފައި އުޅުނު މީހަކު ނަމަ، އައްރައްޔާންއޭ ކިޔުނު ދޮރުކޮޅުންނެވެ. ފަހެ އޭނާއީ ގިނަގިނައިން ޞަދަޤާތްދީ އުޅުނު މީހަކު ނަމަ، ޞަދަޤާތަށް ހާއްސަ ދޮރުކޮޅުންނެވެ.

(މިބަސްފުޅުތައް އަޑުއައްސަވައި) މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫބަކުރުގެފާނު ދެންނެވިއެވެ.

ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ފިދާކުރަމެވެ. އެމީހަކަށް މިއިން ކޮންމެ އެއް ދޮރުކޮޅަކުން ގޮވައިލެވުނު ނަމަވެސް އެއީ އޭނާއަށް ފުދިގެންވާ ކަމެއް ނޫންތޯއެވެ. ވީއިރު އެއްވެސް މީހަކަށް މިހުރިހާ ދޮރުކޮޅަކުން އެއްފަހަރާ ގޮވައިލެވިދާނެތޯއެވެ.؟" ޙަދީޘްކުރެއްވިއެވެ. "އާދޭހެވެ! ކަލޭގެފާނީ އެފަދަ ބޭކަލަކުކަމުގައި ވާނެކަމަށް ތިމަން ކަލޭގެފާނު އުއްމީދުކުރައްވަމުއެވެ.

ސުވަރުގޭގެ އަހުލުވެރިންނަށް ޓަކައި މާތް ﷲ ތައްޔާރުކުރައްވައިފައިވާ ގަނޑުވަރުތަކަކީ، ފުރިހަމަކަމުގެ އިންތިހާއެވެ.

މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތަޤުވާވެރިންނަށް ވައުދު ކުރައްވާފައިވާ ސުވަރުގޭގެ މިސާލަކީ އެތާނގައި ތަޣައްޔަރުކަމެއް ނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތު ނުވާ ކިރުގެ ކޯރުތަކާއި، ބޯ މީހުންނަށް މީރު ރަހަ ލިބެނިވި ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެއުރެންނަށް ޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ހުއްޓެވެ.

ސުވަރުގެވަންތަވެރިންގެ ކާބޯތަކެއްޗަކީ ލައްޒަތާއި މީރު ރަހަތަކާއި ހިތްހަމަޖެހުން، އެންމެ މަތީ ދަރަޖައަށް ލައްވައިފައިވާ ތަކެއްޗެވެ.

މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

އެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި ހިތް އެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ.

ސުވަރުގެވަންތަވެރީން ތިބޭނީ ފުރިހަމަ ޒުވާންކަންމަތީގައެވެ. އެމީހުންނަށް މުސްކުޅިވުމެއް، ބަލިކަށިކަމެއް، ވަރުބަލިކަމެއް، ބަލިވުމެއް، ހިތްހަމަނުޖެހުމެއް ކުރިމައްޗެއް ނުވާނެއެވެ.

ރަސޫލާ (ޞޢވ) ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ސުވަރުގެ ވައްދަވައިފި މީހަކީ، ނިޢުމަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ މީހެކެވެ. އެއްވެސް މުސީބާތެއް ކުރިމައްޗެއް ނުވާނެއެވެ. އޭނާގެ ހެދުން ބަލެއް ނުވާނެއެވެ. އަދި އޭނާގެ ޒުވާންކަން އަބަދަށް ދެމިހުންނާނެއެވެ.

ސުވަރުގޭގައި ގާތްތިމާގެ މީހުންނާއި، ރަޙްމަތެރިންނާއި ބައްދަލުވާނެއެވެ. އަދި ސުވަރުގެވަންތަވެރިން ތަންތަނަށް ޖަމާވެ، އުފަލުގައި ވާހަކަ ދައްކައި އުޅޭނެއެވެ. އެމީހުންގެ މެދުގައި އޮންނާނީ ލޯތްބާއި، ކަމޭހިތުމާއި، އަޅައިލުމެވެ. ރުޅިވެރިކަމާއި، ހަސަދަވެރިކަން ފަދަ ސިފަތަކުން އެމީހުން ވާނީ ރައްކާތެރި ކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!