ދީން

ހުކުރު ޚުތުބާ: މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާ ހާއްސަކޮށްފައި ވަނީ މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމުގެ މައްޗަށެވެ.

އަޅުގަނޑުމެންގެ ހާލަތަށް ބަލާއިރު، އަޅުގަނޑުމެންގެ ކާބަފައިންގެ ހާލަތަށް ވުރެ އަޅުގަނޑުމެންގެ މާއްދީ ހާލަތު މާ ތަނަވަހެވެ. އަދި އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތައް މާ ތަނަވަހެވެ. އެހެނަސް އަޅުގަނޑުމެންނަށް އުޅެންޖެހިފައި މިވަނީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ. އަދަދުކޮށް، ހިސާބު ނުކުރެވޭހައި ގިނަ މައްސަލަތަކެއްގެ ތެރޭގައި، އަޅުގަނޑުމެން މިވަނީ ޣަރަޤުވާން ޖެހިފައެވެ.

ސަބަބަކީ ކޮބައި ހެއްޔެވެ؟

އަޅުގަނޑުމެންގެ ކާބަފައިން މާތް ﷲއަށް އީމާންވެ، އެކަލާނގެ އެންގެވި ކަންތައްތައް ދަސްކޮށް، އެއާ އެއްގޮތަށް އަމަލު ކުރިއެވެ. މިކަމުގެ ސަބަބުން އެމީހުންނަށް މާތް ﷲގެ އިނާޔަތާއި ރިޢާޔަތް ލިބުނެވެ. އެމީހުންނާ އެކު މާތް ﷲ ވޮޑިވެގެންވާކަން އެންގެވިއެވެ.

މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

މުއުމިނަކު ކަމުގައިވާ ހާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ޞާލިޙް އަމަލެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ. އެއީ ހަމަކަށަވަރުން އެއުރެން އަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ހާއްސަ ސިފަތަކުގެ ތެރޭގައި، މައިންބަފައިންނަށް ކަމޭހިތުމާއި އަޅައިލުންވެއެވެ.

މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ކަމޭހިތުމަކީ، އެކަމުގެ ސަބަބުން ހެޔޮކަމާއި ލާބައިގެ ގިނަގުނަ ދޮރުތައް ހުޅުވޭ ކަމެކެވެ.

ރަސޫލާ (ޞޢވ)ގެ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އޭނާގެ ރިޒްޤު ތަނަވަސް ކޮށްދެއްވުމަށާއި އޭނާގެ އުމުރު ދިގުކޮށްދެއްވުމަށް ލޯބިކުރާ މީހާ ފަހެ، އޭނާގެ ރަހިމުގެ ގުޅުން ދަމަހައްޓާ ހުށިކަމެވެ.

އެއްވެސް ބުރަކަމަކާއި، ދަތިކަމަކާ ނުލައި، ރިޒްޤު ތަނަވަސްވާނެ މަގެއް ދައްކަވައިފައިވާކަން ރަސޫލާ (ޞޢވ)ގެ މި ބަސްފުޅުން އެނގެއެވެ. އެއީ ވަރަށް ލުއި ފަސޭހަކަމެކެވެ. މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި ގުޅުން ބަދަހި ކުރުމެވެ.

މިމަތިވެރި އަޚުލާޤުގެ މަތީގައި، އިސްލާމީ ދައުލަތުގެ ޒުވާނުން ތަރުބިއްޔަތު ކުރެއްވުމަށް، ރަސޫލާ (ޞޢވ) ވަރަށް ޚާއްސަ އިސްކަމެއް ދެއްވިއެވެ.

މައިންބަފައިންނަށް އިހާނެތިކޮށް ހިތާ މީހުންނަށް އާޚިރަތް ދުވަހުން ލިބޭ އަޛާބުގެ އިތުރުން ދުނިޔެމަތީގައި ވެސް ޢުޤޫބާތް ދައްކަވާނެކަން އަންގަވައި، މާތް ނަބިއްޔާ (ޞޢވ) ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ފާފަތަކުގެ ތެރެއިން އަނިޔާ ކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުން ފިޔަވައި، އެންމެހައި ފާފަތަކުގެ ޖަޒާ، ޤިޔާމަތާ ހަމައަށް މާތް ﷲ ފަސްކުރައްވަތެވެ. ނަމަވެސް މިކަންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައި ވެސް، އެމީހަކަށް އެކަލާނގެ އަވަސް ކުރައްވަތެވެ.

މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާ ބައެއް މަންޒަރުތަކަކީ، ހިތާމަހުރި މަންޒަރުތަކެކެވެ. ބައެއް ދަރީން އެމީހުންގެ މައިންބަފައިން އުމުރުން ދުވަސްވުމުން އަޅައިނުލައި، ގެއިން ބޭރުކޮށްލާ މަންޒަރެވެ. މައިންބަފައިން ބިކަ ހާލުގައި ޖައްސައި މަންޒަރެވެ. ދަރީން ތަނަވަސްކަންމަތީ ތިބެމެ، މައިންބަފައިން އެހެން މީހުން ގާތަށް ގޮސް ސަލާންޖަހައިގެން ކައިބޮއެ އުޅޭ މަންޒަރެވެ. އަދި އުމުރުން ދުވަސްވެފައިވާ މައިންބަފައިންނަށް އަޑުލައި، އެއްޗެހި ކިޔައި، މޫނުމަތީގައި ޒުވާބުކޮށް އުޅޭ މަންޒަރެވެ.

ބައެއް ފަހަރު މުސްކުޅި މައިންބަފައިންނަށް ސަރުކާރުންދޭ އިނާޔަތުގައި ޖެހި، މައިންބަފައިން އެ ފައިސާކޮޅުން މަޙްރޫމު ކުރާ މަންޒަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!