ދީން

ޢިލްމާއި ނުލައި އެއްވެސް ގައުމަކަށް ކުރިއަރައި ތަރައްޤީއެއް ނުވެވޭނެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާގައި ނަޞީޙަތްތެރިވެފައި ވަނީ، ކުރިއެރުމާއި ތަރައްޤީގެ ތަޅުދަނޑިއަކީ ވިސްނުން ކަމަށެވެ.

މާތް ﷲ އިންސާނާއަށް އިވުމާއި، ފެނުމާއި، ހިތް ދެއްވައިފައި ވަނީ، އެތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ވިސްނައި ފިކުރުކޮށް އެކަލާނގެއަށް ޝުކުރުވެރިވުމަށް ޓަކައެވެ.

މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭއިރުގައިވާ ހާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ ﷲއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް، އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން ޝުކުރު ކުރުމަށް ޓަކައެވެ.

މާތް ﷲ ވަނީ މީސްތަކުންނަށް ވިސްނުމާއި، ދެނެގަތުމުގެ ބާރު ދެއްވައިފައެވެ. އެމީހުންނަށް މިވަނީ އިވޭ ކަންފަތްތަކަކާއި، ފެންނަ ލޯތަކެއް ދެއްވައި، ކަންކަމާ މެދު ވިސްނައި ފިކުރު ކުރުމަށް ގޮވައިލައްވައިފައެވެ. މާތް ﷲ ބާވައިލެއްވި ކީރިތި ޤުރްއާނާ މެދު ވިސްނައި، ތަދައްބުރު ކުރުމަށް ގޮވައިލެއްވިއެވެ. ކީރިތި ޤުރްއާނުގެ ބަސްފުޅުތަކާ މެދު ވިސްނައި، އެއާ އެއްގޮތަށް ސުލޫކާއި، އަޚްލާޤް ބައްޓަން ކުރުމަށް ޓަކައެވެ.

ވިސްނައި ފިކުރު ކުރުމަށް، މާތް ﷲ އެންގެވި ކަންތައްތަކުގެ ތެރޭގައި އިންސާނާ ޚަލްޤު ކުރެއްވުމާއި އިންސާނާއާ އެކު މިކައުނުގައި ލައްވައިފައިވާ ކާއިނާތުތައް ވެއެވެ.

މާތް ﷲ ވަހީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ޔަގީންކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައި ވެސް މެއެވެ. ފަހެ، ތިޔަބައިމީހުން، ވިސްނައިނުބަލަނީ ހެއްޔެވެ؟

އެއްވެސް ޤައުމަކަށް ޢިލްމާއި ނުލައި ކުރިއަރައި ތަރައްޤީއެއް ނުވެވޭނެއެވެ. ވިސްނައި ފިކުރު ކުރުމުގެ އިންޖީނަކީ ޢިލްމެވެ. ފައިދާ ކުރަނިވި ޢިލްމުން މެނުވީ ކުރިމަގު އުޖާލާއެއް ނުވާނެއެވެ. މުސްތަޤުބަލު އަމާނެއް ނުވާނެއެވެ. އިސްލާމްދީން ގޮވައިލަނީ ޢިލްމު އުނގެނުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!