ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދަތިވާނީ ހުޅަނގުގެ ގައުމުތަކަށް: ޕުޓިން
ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރައި ހަނގުރާމަ ކުރަމުންދާތީ ރަޝިއާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އެނބުރި ގޮސް ޖެހޭނީ އެ ގައުމުތަކުގައި ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބުނެފިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކުން ޚާއްޞަކޮށް އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކަކުން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެ ގޮތުން ރަޝިއާއިން އެކްސްޕޯޓްކުރާ ކާނާއާއި ހަކަތައިގެ ބާވަތްތައް އެ ގައުމުތަކަށް އެތެރެކުރުން ހުއްޓައިލުން ހިމެނެއެވެ.
ރަޝިއާއަކީ ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޕުޓިން ވަނީ މިކަންކަމާ ގުޅޭގޮތުން ކެބިނެޓްގައި މަޝްވަރާކޮށްފައެވެ. އެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިޔަސް ، އިގްތިޞާދީ ކުޑަ ފައިދާއަކަށް ޓަކައި ރަޝިއާގެ މިނިވަންކަން ގުރުބާންކޮށްނުލާނެ ކަމަށް ޕުޓިން ބުނެފައި ވެއެވެ. އަދި އާޚިރުގައި ރަޝިއާއަށް ހުރިހައި ގޮތަކުން ވެސް ވާނީ ފައިދާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ރަޝިއާއިން ތެޔޮ އެތެރެކުރުން އެމެރިކާއިން ހުއްޓައިލުމުން ޕުޓިން ވަނީ އެކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ އެ ފިޔަވަޅުގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު މަތިވަމުންދާ ކަމަށެވެ.
"އެ މީހުން (އެމެރިކާ)ވަނީ ރަޝިއާއިން ތެޔޮ އެތެރެކުރުން ހުއްޓައިލައިފައި، އެ ގައުމުގައި ތެލުގެ އަގު ވަނީ ދުވަހަކު ނުދާހާ މައްޗަށް ގޮސްފައި ،އެ މީހުންގެ އަމިއްލަ ނިންމުންތަކުން ގެއްލުން ވަނީ އެ މީހުންނަށް، އެ ކަމާ މެދު ރަޝިއާއިން ކުރާނެ ކަމެއް ނެތް" ޕުޓިން ބުނެފައި ވެއެވެ.
ތެލެކޭ އެއްފަދައިން ގަސްކާނާ އެންމެ ގިނައިން އުފައްދާ އެއް ގައުމަކީ ވެސް ރަޝިއާއެވެ. އެހެންކަމުން ރަޝިއާގެ އުފެއްދުންތައް އެތެރެކުރުން މަނާކުރާ ގިނަ ގައުމުތަކުގައި ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ.
އެމެރިކާއިން ރަޝިއާއާ މެދު ގެންގުޅޭ ސިޔާސަތަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ފާޑު ކިޔައިފައެވެ. ޓްރަމްޕް ބުނެފައި ވަނީ އެމެރިކާއިން ނިންމި ނިންމުންތައް ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް ނިންމައިފައި ނުވާކަމަށާއި އެ ފަދަ ނިންމުންތަކުގެ ސަބަބުން އެމެރިކާ ނިކަމެތި ވާނެކަމަށެވެ.
ޔޫކްރޭންގައި ރަޝިއާއިން ހިންގާ އުދުވާނަށް މިހާރު ވަނީ 15 ދުވަސްވެފައެވެ. އެކަމުގެ ސަބަބުން ޔޫކްރޭން ވަނީ ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފައެވެ. އެ ގޮތުން ވެރިރަށް ކިޔޭވްގެ އާބާދީގެ 50އިންސައްތަ ގައުމު ދޫކޮށް ހިޖުރަކޮށްފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ބުނެފައި ވެއެވެ.
އިހުތިރާމް ކުރަން ދަސް ކުރަމާ.