ޚަބަރު

"އިންޑިއާ އައުޓް" ހަރަކާތަށް ޖާގަ ދީފިނަމަ ސަރުކާރު ވެއްޓޭނެ: އަދުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ހަރަކާތް މާލޭގައި ކުރިޔަށް ގެންދިއުމުގެ ޖާގަ ދެވިއްޖެނަމަ މި ސަރުކާރު ދެމިއޮތުމުގެ ބިރު ސަރުކާރަށް އެބައޮތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕީޕީއެމްއިން އަންނަ ހުކުރު ދުވަހު "ނޭވާހޮޅިއަށް" ނަމުގައި ބޭއްވުމަށް ނިންމައިފައިވާ ހިނގާލުމަށް ޖާގަ ނުދޭން ފުލުހުން ވަނީ ނިންމައިފައެވެ. މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޕީޕީއެމްއިން ބާއްވާ ބައްދަލުވުމަކީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރި ކަމަށެވެ. އަދި މިފަދަ އެއްވުމުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން، މި އެއްވުން ނުބޭއްވުމަށް ފުލުހުން އެ ޕާޓީއަށް އަންގަވައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، މިއަދު ސަރުކާރުން ހަމަ އަސްލު ވެސް ނޭވާ ހޮޅިއަށް އެޅިފައިވާ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތަށް ބޮޑު ތާއީދެއް އޮތް ކަމަށާއި އެކަން ސަރުކާރަށް އެނގޭ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"މި ހަރަކާތަކީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް އޮތް ސަރުކާރެއްކަން ސަރުކާރަށާއި މި ސަރުކާރުގެ އިދާރާތަކަށް ވަރަށް ރަނގަޅަށް އެބަ އެނގޭ. އެހެންވީމަ މި ވަގުތު މާލޭގައި މިފަދަ ހަރަކާތެއް ބާއްވައިފި ނަމަ، މި ހަރަކާތުގައި ބައިވެރިވާނެ އަދަދު މި ބޭފުޅަށް އަންދާޒާ ކުރެވޭ. މިފަދަ އަދަދަކަށް މާލޭގެ ސަރަަހައްދަށް މީހުން އެއްވެއްޖިއްޔާ މި ސަރުކާރު ދެމި އޮވެދާނެ ކަމާ ދޭތެރޭގައި މި ސަރުކާރަށް ޝައްކު." އަދުރޭ ވިދާޅުވީ ދޮގު ތުހުމަތުތަކެއް ކުރުމަށް ފަހު މި ހަރަކާތް ހުއްޓުވަން ސަރުކާރުން ނިކުމެފައި ވަނީ މި ސަބަބާ ހުރެ ކަމަށެވެ.

"ވަރަށް ބައިވަރު ރައްޔިތުން ތިބީ މި ހަރަކާތުގައި ބައިވެރިވާން ބޭނުންވެފައި. އަތޮޅުތަކުން އެތިބީ މާލެއަށް އަރަން ތައްޔާރު ވެގެން. 4000 އެއް ނޫން 10،000، 12،000، 20،000 މީހުން ވެސް މާލެ އަންނަން ބޭނުން."

މާދަމާގެ ހިނގާލުން ނުބޭއްވޭނެ ކަމަށް އެންގުމުން، އަދުރޭ ވަނީ ވަކި ވަކި ފުލުހުންނަށް އިލްތިމާސެއް ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، އަމާންވެއްޓެއް ގާއިމު ކުރުމަށް ފުލުހުން ކޮށްފައިވާ ހުވަޔާ އެއްގޮތަށް އެ ވާޖިބު އަދާކުރެއްވުމަށާއި ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންތެރި ނުވުމަށް ގޮވައިލައިފައެވެ.

"ތިޔަ ބޭފުޅުން ޤާނޫނު އަސާސީއާއި ގާނޫނުތަކުގެ ދިފާއުގައި ތެދުވެވަޑައިގަންނަވާ. ދިވެހި ރައްޔިތުން ތިއްބެވީ ތިޔަ ބޭފުޅުންނާ އެކު. މި ސަރުކާރަކީ މިހާރު ވެއްޓެމުންދާ ސަރުކާރެއް. މިއޮތީ ނޭވާ ހޮޅިއަށް އެޅިފައި. މާދަމާ ކަންނޭނގެ ފަހުނޭވާ ލާނީ. ދެން ސަރުކާރާ ހަވާލުވާން މި ތިބީ ޕީޕީއެމްއިން" އަދުރޭ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!