މުޅި ރާއްޖޭގައި ހުރި އިޖްތިމާއީ އަދި އެ ނޫން ވެސް މައްސަލަތައް ޙައްލުކުރުމަށް އެކުލަވައިލައިފައިވާ ޓާސްކްފޯސްގެ މަސައްކަތްތަކުގައި ސިޓީތަކަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގައެވެ.
ރައީސްގެ ވާހަކަފުޅުގައި މަގުހެދުމުގެ މަސައްކަތާއި ހައުސިންގް ޔުނިޓްތަކުގެ ޑިޒައިން މަސައްކަތް ކުރިޔަށް ގެންދާނީ ކައުންސިލުގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ދިމާވާ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ޓާސްކްފޯހެއް އެކުލަވައިލައިގެން މަސައްކަތް ކުރިޔަށް ގެންދަވާ ކަމަށާއި މި މަސައްކަތުގައި ސިޓީތަކަށް އިސްކަންދެއްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނައިބު ރައީސް ވަނީ އެ ސިޓީގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށްގެންދިއުމާއި އަލަށް ހަދާ މަގުތަކާ އެކު ޕާކިން ފަދަ ކަންކަން ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.