ޚަބަރު ސިޔާސީ

އިންތިޚާބު ލަސްކުރީ ބަލިވާނެތީ: އިންތި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބު ލަސްކޮށްފައި ވަނީ، ކަނޑައެޅިފައި އޮތް ތާރީޚުގައި އިންތިޚާބު ބާއްވައިފި ނަމަ، އިންތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން އިންތިޚާބު ކާމިޔާބު ކުރާނެތީ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

Ads by STELCO

ޗެއަރޕާސަންގެ ކެންޕެއިންގެ އަދާހަމަ "ދެން"އާ ހިއްސާ ކުރަމުން އިންތި ވިދާޅުވީ، އިންތިޚާބު ލަސްކޮށްފައި ވަނީ، ވާދަވެރި ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އަދި އެކަން ކުރީ އެހައި ތަނަށް އިންތިގެ ޓީމު ކުރީގައި ވާތީކަމަށް އިންތި ވިދާޅުވިއެވެ.

ޗެއަރޕާސަން ކަމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބު ކުރިން ތާވަލްކޮށްފައި އޮތީ އޭޕްރީލް 16ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބުގައި ދެން ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އެދިވަޑައިގަތުމަކަށް އިންތިޚާބު މިހާރު ވަނީ މެއި 14ވަނަ ދުވަހަށް ފަސްކޮށްފައެވެ. އެ ގޮތަށް ފާސްކޮށްފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ބައިވެރިވި 115 މެންބަރުންގެ ތެރެއިން 100 މެންބަރުންގެ ތާއީދާއެކުއެވެ.

ކެންޕެއިން ހަރަކާތްތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވަމުން ގެންދަވާ އިންތި ވިދާޅުވީ، އިންތިޚާބަށް ކުރިމަތި ލެއްވީ ވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަމާއެކުގައި ކަމަށާއި، މިހާރު ވެސް އެ ޔަޤީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން އެހައި ގިނަ މަސައްކަތް އެބަކުރަން، އެހައި ގިނަ ރައްޔިތުން ގާތަށް ދޮރުން ދޮރަށް އެބަދަން. އަޅުގަނޑުމެން ގޮސް އެ މީހުންގެ ވޯޓަށް އެބަ އެދެން. އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުންތައް. އެ އިއްވަން، ކޯލް ސެންޓަރު އެބަ ހިންގަން، ވަކިވަކިން ބައްދަލު ކުރަން" އިންތި ވިދާޅުވީ، ހުރިހާ ހިސާބުތަކުން ވެސް އޭނާގެ ޓީމު އުޅެނީ ކުރީގައި ކަމަށެވެ.

84 ރަށަށް ވަޑައިގެން އެރަށްތަކުގެ ރައްޔިތުންގެ އިޙްސާސްތައް އަޑު އެއްސެވުމަށް ފަހު، އިންތި ވަނީ އެ ވާހަކަތައް ވެސް "ދެން"އާ ހިއްސާ ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، ޕާޓީގެ އާއްމު މެންބަރުން އެންމެ ބޭނުންވާ ކަމަކީ، އެމްޑީޕީއަށް އަލުން އިތުބާރު އުފެއްދުން ކަމަށެވެ އަދި އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ އުންމީދީ، އަދި އިންތިޚާބުތައް ކާމިޔާބު ކުރާ ޕާޓީއަކަށް ހެދުމަށް އާއްމު މެންބަރުން ބޭނުންވާ ކަމަށް އިންތި ވިދާޅުވިއެވެ.

"މި ޕާޓީ ބައިބައިވިޔަ ނުދިނުމަށް އެ ބޭފުޅުން (އެމްޑީޕީގެ އާއްމު މެންބަރުން) އަޅުގަނޑުމެންގެ ސަމާލު ކަމަށް އެބަ ގެނެސްދޭ. ޕާޓީގެ ސިޔާސީ ކަންކަން، ސިޔާސީ ވިސްނުން ތަފާތު ވެގެން ދިޔަ ދިޔައިނުން ގޮސް، ޕާޓީ ކަފިކަފިވެ، ބައިބައިވެގެން ނުދިއުމަށް އެބަ ބާރު އަޅާ." އިންތި ވިދާޅުވީ، އޭނާގެ ޗެއަރޕާސަންގެ ކަމުގެ ދަށުން، ޕާޓީ ދެބައިވެ ފަޅިފަޅިވެގެން ދިއުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!