އޭޝިއާ ދުނިޔެ

ފަހު ބޯޅައިން ވެސް ޖާދުލެއް ނުދެއްކި އިމްރާންޚާން އެނބުރި ގެއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިތުބާރު ނެތްކަމުގެ ވޯޓް ނަގައި ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާންޚާން މަގާމުން ދުރުކޮށްފިއެވެ.

Ads by Sosun Fihaara

އިއްޔެ ހެނދުނުން ފެށިގެން 12 ގަޑިއިރަށް ދެމިގެން ދިޔަ ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގައި ނެގި ވޯޓުން އިމްރާން ބަލިވީ 174 ވޯޓުންނެވެ. ނެޝަނަލް އެސެމްބްލީގައި ހިމެނޭ 342 ގޮނޑީގެ ސާފު އަޣްލަބިއްޔަތަކީ 172 ވޯޓެވެ.

މިނިވަންކަމަށް 75އަހަރު މިއަހަރު ފުރޭ ޕާކިސްތާންގެ ތާރީޚްގައި މިއީ , ބޮޑުވަޒީރަކު އިތުބާރު ނެތްކަމުގެ ވޯޓުން ދުރުކުރެވުނު ފުރަތަމަ ފަހަރެވެ. ހަމަ އެއާ އެކު ބޮޑުވަޒީރުންނަށް ދައުރު ފުރިހަމަނުވެ ލިޔަމުންދާ އެ ގައުމުގެ ތާރީޚް މިވަނީ އައުވެފައެވެ.

އިމްރާންޚާނަށް އެސެމްބްލީގެ މެޖޯރިޓީ ގެއްލުނީ އޭނާގެ ތަހްރީކޭ އިންސާފް ޕާޓީއާ އެކު ކޯލިޝަން ހަދައިފައިވާ ބައެއް ކުދި ޕާޓީތަކުން ތާއީދު އަނބުރާ ގެންދިޔުމުންނެވެ. މިއާ އެކު އިދިކޮޅަށް މެޖޯރިޓީ ލިބުމުން އިމްރާން މަގާމުން ދުރުކުރުމަށް އިދިކޮޅުން ވަނީ ބުރަ މަސައްކަތްތަކެއްކޮށްފައެވެ. އަދި ބޮޑުވަޒީރު ޚާން ވަނީ އެކަން ނާކާމިޔާބުކޮށްލުމަށް "އެންމެ ފަހު ބޯޅައާ" ހަމަޔަށް މަސައްކަތްކޮށްފައެވެ. ބޮޑުވަޒީރު އިމްރާނަކީ 1992ވަނަ އަހަރުގެ ކްރިކެޓް ޗެމްޕިއަންކަން ޕާކިސްތާނަށް ހޯދައިދިން ކެޕްޓަނެވެ.

އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ހުށަހެޅުނު މައްސަލަ، އެސެމްބްލީގެ ނައިބު ރައީސް ގާސިމް ސޫރީ ހިފެހެއްޓިއެވެ. ހަމަ އެއާ އެކު ބޮޑުވަޒީރު ޚާންގެ އެދުމުގެ މަތީން ރައީސް އާރިފް އަލްވީ ވަނީ އެސެމްބްލީ އުވައިލައިފައެވެ.

މިކަމާ ގުޅިގެން އިދިކޮޅުން ސްޕްރީމް ކޯޓަށް ދިޔުމުން ކޯޓުން ޙުކުމްކުރީ އެސެމްބްލީ އުވައިލި ނިންމުމަކީ ޤާނޫނާ ޚިލާފް ނިންމުމެއް ކަމަށާއި އެ އެސެމްބްލީއަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ ކަމަށެވެ. އަދި ކުރީން ވެސް ތާވަލްކުރެވިފައި އޮތް ގޮތަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުން ކުރިއަށް ގެންދިޔުމަށް ސްޕްރީމް ކޯޓްގެ ހުކުމްގައި ވެއެވެ.

މި ޙުކުމާ އެއްގޮތަށް އިއްޔެ ކުރިއަށް ދިޔަ އެސެމްބްލީގެ ޖަލްސާގައި 12 ގަޑިއިރު ވަންދެން ވަނީ ބަހުސްކޮށްފައެވެ. ދެ ފަހަރެއްގެ މަތީން ޖަލްސާ މެދުކަނޑައިލައި ބޮޑުވަޒީރު އިމްރާން ވަނީ ވޯޓް ހުއްޓުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން ސްޕްރީމްކޯޓްގެ ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅުމާ އެކު ޖަލްސާ ދިގު ދައްމާލުމަށް މަސައްކަތްކޮށްފައި ވެއެވެ.

އިމްރާން ޚާން ބުނެފައި ވަނީ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތަކީ އެމެރިކާ އަޑީގައި އޮވެ ކުރި މަސައްކަތެއް ކަމަށާއި އެމެރިކާއަށް "ނުވިކޭނެ" ޕާކިސްތާންގެ ހަމައެކަނި ލީޑަރަކީ އޭނާ ކަމަށެވެ. އަދި ފުހެލައިފައި އެއްލައިލާ ޓިޝޫކޮޅަކަށް ޕާކިސްތާން ވިޔަ ނުދޭނެ ކަމަށާއި ޕާކިސްތާނަށް ވެރިވާން އުޅެނީ "އިންޕޯޓް"ކުރާ ސަރުކާރެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޫނުވެފައި ވަނީ އިމްރާންޚާން ރަޝިއާއަށް ކުރި ދަތުރަށް ފަހުގައެވެ. ޔޫކްރޭނަށް އަރައި ރަޝިއާއިން ހަނގުރާމަ ފެށި ދުވަސްވަރު އިމްރާން ކުރި އެ ދަތުރު ހުއްޓުވަން ވޮޝިންޓަނުން މަސައްކަތްކުރި ކަމަށް އޭނާ ބުނެފައި ވެއެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓް އިދިކޮޅުން ކާމިޔާބުކުރީ އިދިކޮޅުގެ މެމްބަރެއް ރިޔާސަތުގައި އިންނަވައެވެ. ރިޔާސަތު ބަލަހައްޓާ ޕެނަލްގެ މެމްބަރު އަޔާޒް ޞާދިގު ، ރިޔާސަތާ ޙަވާލުވާން ޖެހުނީ ބޮޑުވަޒީރު ޚާނަށް ވަފާތެރި، އެސެމްބްލީގެ ރައީސް އަސަދު ގައިސަރު އިސްތިއުފާ ދެއްވުމުންނެވެ.

އަންނަ އަހަރުގެ އޮކްޓޯބަރ މަހު އޮންނަ ޕާކިސްތާންގެ އާންމު އިންތިޚާބާ ހަމަޔަށް އެ ގައުމުގެ ބޮޑު ވަޒީރުކަމަށް ދެން އަންނާނީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝެހެބާޒް ޝަރީފެވެ. ޕާކިސްތާންގެ އިދިކޮޅު ފަރާތްތަކުން ވަނީ އިދިކޮޅު ލީޑަރު ޝެހެބާޒަށް ރުހުންދީފައެވެ. އައު ބޮޑުވަޒީރު ހޮވުމުގެ ޖަލްސާ އޮންނާނީ މާދަމާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!