އޭޝިއާ ދުނިޔެ

އިމްރާންޚާންގެ ސަޕޯޓަރުން ނިކުމެ މަގުތައް ފުރައިލައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ކަރާޗީގައި އިމްރާންގެ ދިފާއުގައި އޭނާގެ ސަޕޯޓަރުން އަޑުއުފުލަނީ

ބޮޑުވަޒީރުކަމުގެ މަގާމުން އިއްޔެ ދުރުކުރެވުނު ޕާކިސްތާންގެ 22ވަނަ ބޮޑުވަޒީރު އިމްރާންޚާންގެ ސަޕޯޓަރުން ނިކުމެ އެ ގައުމުގެ މަގުތައް ފުރައިލައިފިއެވެ.

Ads by Sosun Fihaara

ޕާކިސްތާންގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިމްރާންޚާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ ޕަންޖާބު،ސިންދު،ހައިބަރު އަދި ކަރާޗީގެ 40 ސަރަޙައްދަކަށް އެއްވެފައެވެ. އަދި އެމީހުން ވަނީ އިމްރާންޚާން މަގާމުން ދުރުކުރުމާ ދެކޮޅަށް އަޑު އުފުލައި ތަކްބީރާއި ތައުހީދުގެ ކަލިމައިން ޖައްވު ގުގުމައިލައިފައެވެ.

މަގާމުން ދުރުކުރުމާ އެކު ، ކުރީގެ ކްރިކެޓް ކެޕްޓަން އިމްރާން ޚާން ވަނީ ޓީވީ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނާ މުޚާތަބުކޮށްފައެވެ. އެ ވާހަކައިގައި އިމްރާން ބުނީ ޕާކިސްތާނަކީ ބޭނުންކޮށްފައި އެއްލައިލާ ޓިޝޫ ކަރުދާސްކޮޅަކަށް ނުހެދޭނެ ކަމަށާއި އެ ގައުމަށް ބިދޭސީ ސަރުކާރެއް ގެނައުން ތަހައްމަލް ނުކުރާނެ ކަމަށެވެ. އަދި ރޭގެ އިޝާ ނަމާދަށް ފަހު އާންމުން ނިކުމެ "ބިދޭސީ ސަރުކާރާ"ދެކޮޅަށް އަޑު އުފުލުމަށް އޭނާ އެދުނެވެ.

ރޭގެ އެއްވުންތަކުގައި ބޮޑު ވަޒީރު ޚާން ވެސް ވަނީ ބައިވެރިވެފައެވެ.

އެއްވުމުގެ މަންޒަރުތައް ހިއްސާ ކުރަމުން ބޮޑު ވަޒީރު ޚާން ބުނެފައި ވަނީ އެހައި ގިނަ އަދަދެއްގެ ބަޔަކު އެހައި ކުއްލިއަކަށް މިފަދަ އަޑުއުފުލުމަކަށް ނިކުތްތަން ޕާކިސްތާންގެ ތާރީޚް އަދި ނުދެކޭ ކަމަށެވެ.

ބޮޑުވަޒީރު ޚާން މަގާމުން ދުރުކުރީ އޭނާގެ ތަހްރީކޭ އިންސާފް ޕާޓީއާ އެކު ކޯލިޝަން ހަދައިފައިވާ ކުދި ބައެއް ޕާޓީތަކުން ޚާންއާ ދެކޮޅުވެ އިދިކޮޅާ ގުޅި އިދިކޮޅަށް މެޖޯރިޓީ ލިބިގެންނެވެ. އެ ގޮތުން 342 ގޮނޑި ހިމެނޭ ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ 174 މެމްބަރުން ޚާން މަގާމުން ދުރުކުރުމަށް ވޯޓް ދީފައި ވެއެވެ. އެ ވޯޓް ފާސްކުރުމަށް ބޭނުން ވަނީ 172 ވޯޓެވެ.

އިމްރާންޚާން މަގާމުން ދުރުކުރީ ޕާކިސްތާންގެ މައި ތިން ޕާޓީއެއް ގުޅިގެންނެވެ. އެއީ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅު އަދި އިދިކޮޅު ލީޑަރު ޝެހެބާޒް ޝަރީފް އިސްވެ ހުރި މުސްލިމް ލީގާއި މަރުޙޫމާ ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ލީޑްކުރާ ޕީޕަލްސް ޕާޓީގެ އިތުރުން މައުލާނާ ފަޒުލްރަޙުމާންގެ ޖާމިއަތު އުލަމާއެވެ. މި ތިން ޕާޓީ ގުޅިގެން މިހާރު ވަނީ އައު ސަރުކާރެއް އެކުލައިލާން ނިންމައިފައެވެ. އެ ގޮތުން ބޮޑު ވަޒީރަކަށް އިދިކޮޅު ލީޑަރު ޝެހެބާޒް އިންތިޚާބުކުރުމަށް އެ ޕާޓީތަކުން ވަނީ އެއްބަސްވެފައެވެ. މި އިންތިޚާބު މިއަދު ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގައި އޮންނާނެއެވެ.

އަންނަ އަހަރުގެ އޮކްޓޫބަރގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބާ ހަމަޔަށް އެކުލައިވައިލާ މި ކުރު މުއްދަތުގެ ސަރުކާރަކީ "އިންޕޯޓް"ކުރާ ސަރުކާރެއް ކަމަށް ބޮޑު ވަޒީރު ޚާން ސިފަކުރެއެވެ. އަދި އޭނާ މަގާމުން ދުރުކުރީ އެމެރިކާ އިސްވެ އޮވެ ކަމަށާއި ، އިދިކޮޅުގެ ބޭނުމަކީ އިދިކޮޅު ފަރާތްތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ފޮރުވުންކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ޕާކިސްތާން މަޖިލީހުގެ ހަނި އަޣްލަބިއްޔަތަކުން ބޮޑުވަޒީރު ޚާނަށް މަގާމު ގެއްލުނުކަމުގައި ވީ ނަމަވެސް އާންމު ރައްޔިތުންގެ މެދުގައި އޭނާގެ ތާއީދު ބޮޑެވެ. 1992ގެ ކްރިކެޓް ވޯލްޑްކަޕް ކާމިޔާބުކުރި ކެޕްޓަން ޚާންގެ ސަޕޯޓަރުން އޭނާ ސިފަކުރަނީ ވަތަނީ ލީޑަރެއްގެ ގޮތުގައެވެ. މި ގޮތުން ޕާކިސްތާން ޚާންގެ ނަމުން އިމްރާން ޚާނަށް މުޚާތަބުކުރެއެވެ.

1947ގައި މިނިވަންވި ޕާކިސްތާންގެ އެއްވެސް ބޮޑުވަޒީރަކަށް ދައުރު ފުރިހަމަ ކުރެވިފައެއް ނުވެއެވެ. ވެރިކަން ހިންގާ ކޯލިޝަންތަކަށް މެޖޯރިޓީ ގެއްލުމުން މީގެ ކުރީން ބޮޑުވަޒީރުން އިސްތިއުފާ ދިން ނަމަވެސް ބޮޑުވަޒީރު ޚާން ވަނީ ވޯޓާ ކުރިމަތިލައިފައެވެ. މި ވޯޓް ނާކާމިޔާބުވުމުން ޚާން ވެގެން ދިޔައީ އިތުބާރު ނެތްކަމުގެ ވޯޓުން މަގާމު ގެއްލުނު ފުރަތަމަ ބޮޑުވަޒީރަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!