ދީން

"މި މައްސަރުގެ ކޮންމެ ރެއެއްގައި ވެސް މާތް ﷲ އެކަލާނގެ އަޅުތަކުންގެ ބަޔަކު ނަރަކައިން މިންޖުކުރައްވާނެ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ މާތް ކަމުގެ މައްޗަށެވެ.

އަޅުގަނޑުމެން ވޭތު ކުރަމުން މިގެންދަނީ ރަހްމަތާއި، ބަރަކާތާއި، މަޣްފިރަތުން ފުރިގެންވާ ރަމަޟާން މަހުގެ މާތްވެގެންވާ ރޭތަކާއި، ދުވަސްތަކެވެ. މި މާތް މައްސަރުގެ ކޮންމެ ރެއެއްގައި ވެސް މާތް ﷲ އެކަލާނގެ އަޅުތަކުންގެ ބަޔަކު ނަރަކައިން މިންޖުކުރައްވާނެ ކަމުގައި ރިވާވެގެންވެއެވެ. އެހެންކަމުން މި ބަރަކާތުން ފުރިގެންވާ ދުވަސްތަކާއި، ރޭތަކުގައި ސުވަރުގެ ލިބިގަތުމަށް އެއްބަޔަކު އަނެއްބަޔަކާ ވާދަކުރާށެވެ! މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް އަވަސްވެގަންނާށެވެ!

މި މައްސަރުގެ ޘަވާބާއި ދަރުމަޔަށް އެންމެ އެންމެ ދަހިވެތިވާންވީ ވަގުތު ކުރިއަށް އޮތީއެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ (ޞޢވ) މުޅި އަހަރުގެ އެހެން ވަގުތުތަކުގައި އަޅުކަމުގައި މަސްޢޫލުވެ ވަޑައިނުގަންނަވާ މިންވަރަށް، ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަމައިގެން މަސްޢޫލުވެ ވަޑައިގަންނަވައެވެ.

އުއްމުލްމުއުމިނީން އައިޝާރަޟިއަﷲ އަންހާގެ ފަރާތުން ރިވާވެގެންވެއެވެ.

ރަސޫލު (ޞޢވ) ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް އިޙްޔާ ކުރައްވަތެވެ. އަދި އެކަލޭގެފާނުގެ އަހުލުން އަޅުކަމުގައި މަސްޢޫލު ކުރައްވަތެވެ. އަދި އެކަލޭގެފާނު އަޅުކަމުގައި ހީވާގިވެ ވަޑައިގަންނަވަތެވެ.

އެހެންކަމުން މިރޭތަކުގެ ބަރަކާތާއި ދަރުމަ ލިބުގަތުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަމެވެ. އެބައެއްގެ ހާލަތާއި ސިއްހަތު ތަން ދިން އެންމެ މަތީ ދަރަޖައަކަށް މިރޭތައް އަޅުކަން ކުރުމުގައި ހޭދަކުރެވޭތޯ ގަދައަލައި މަސައްކަތް ކުރާށެވެ.

މި ރަމަޟާން މަސް އައުމުުގެ ކުރިން މިދުނިޔެއާ އަލްވަދާޢުކީ މީހުންގެ ތެރޭގައި ނުހިމެނި، ހެޔޮ ސިއްހަތާއި، ޢާފިޔަތުގައި މި މައްސަރާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބުމަކީ، ކުޑަ ކަމެއް ނޫނެވެ. ވީމާ އެކަމަށް ޝުކުރުވެރިވާ ހާލު، މިމައްސަރުގައި ކުރާ ހެޔޮ އަމަލުގެ ސަބަބުން ސުވަރުގެ ލިބޭ މީހުންގެ ތެރެއިންވުމަށް ގަދަ އަޅައި މަސައްކަތް ކުރާށެވެ.

ރަޙްމާންވަންތަ ﷲގެ އޯގާވަންތަކަމުން އަހަރުމެންނަށް ޓަކައި ފަހު ދިހައިގެ ތެރޭގައި، ބަރަކާތުން ފުރިފައިވާ ރެއެއް ލައްވައިފައިވެއެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. މާތް ﷲ އެރޭގެ އަޅުކަން އެއްހާސް މައްސަރަށްވުރެ މާތް ކުރެއްވިއެވެ.

މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ލައިލަތުލްޤަދްރި ވިލޭރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.

އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރެވެ. އަހަރެމެންގެ ތެރެއިން އެއްވެސް މީހަކަށް 83 އަހަރު ކޮންމެ ދުވަހަކު، ހުރިހައި ވަގުތެއް އަޅުކަމުގައި ހޭދަކުރެވޭނެތޯއެވެ؟ އަހަރެމެން 83 އަހަރު ދުނިޔޭގައި ދިރިއުޅުނު ކަމުގައިވިޔަސް އެމުއްދަތުގެ މަދު އިންސައްތައެއް މެނުވީ އަހަރެމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެއެވެ. އެހެންކަމުން ފަރުވާކުޑަކޮށްލެވިފައިވީ ދުވަސްތަކުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އޮތީ އެ ރޭ ހޯދުމަށް މަސައްކަތް ކުރުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!