ރައީސް ޔާމީނަށް އިންޒާރު ދިނީ އިންޑިއާގެ ރޭވުމަކުން މާރިޔާ އިސްވެ ހުރެ: އަދުރޭ
ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް "ސައިޒްކޮށްލާނެ"ކަމަށް ބުނެ މީސްމީޑިއާގައި އިންޒާރުދީފައި ވަނީ އިންޑިއާގެ ރޭވުމެއްގެ މަތިން ދިވެހި ސަރުކާރު އަޑީގައި އޮވެގެން، މާރިޔާ އިސްވެ ހުރެ ކަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އިސްކޮށް ހުންނަވާ ކުރިޔަށް ގެންދަވާ "އިންޑިއާ އައުޓް" ކެންޕެއިނަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށާއި އަމިއްލަ މަސްލަހަތަށް ކުރައްވާ ކަމެއް ކަމަށް ބުނެ ޒުވާނުންކޮޅެއް ވަނީ މިއަދު ވަނީ ރައީސް ޔާމީންގެ ގެކޮޅު ކައިރީގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާ ކުރިން އާއްމު ކުރި ވީޑިއޯއެއްގައި ރައީސް ޔާމީން ސައިޒްކޮށްލާނެ ކަމަށް ބުނެ އާއްމު ފަރާތަކުން ވަނީ އިންޒާރު ދީފައެވެ.
މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލައަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި މި ވީޑިއޯ ޑިފެންސް މިނިސްޓަރު ރީޓްވީޓް ކުރައްވައިފައި ވާތީ، އެކަމަކީ މިކަމަށް ހިތްވަރު ދިނުމުގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި މިއީ ޓެރެރިޒަމްގެ އަމަލެއް، ޓެރެރިޒަމްގެ މި އަމަލަށް ހިތްވަރު ލިބޭ ގޮތަށް މާރިޔާ އެބައޮތް މަސައްކަތް ކުރައްވައިފައި. އެހެންވީމަ، ރައީސް ޔާމީނަށް ދިން އިންޒާރަކީ އިންޑިއާ ސަރުކާރުގެ ރޭވުމުގެ މަތިން ދިވެހި ސަރުކާރު އަޑީގައި ތިބެގެން، މާރިޔާ އިސްވެ ހުރެ ހިންގާ ކަމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތް."
އަދުރޭގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިންޒާރު ދިން މައްސަލަ ފުލުހުންނަށާއި ޑިފެންސަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ 48 ގަޑިއިރުވެގެން ދިޔަ އިރު ވެސް އެ މައްސަލަ ބަލައިގަތްކަމެއް ނުވަތަ ނޫންކަން ވެސް އަންގަވައިފައި ނުވާ ކަމަށާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއްވެސް ފުލުހުން ހާމަ ނުކުރައްވާ ކަމަށާއި އަދި އެކަމާ ކަންބޮޑުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.