ރައީސް ބިލު ތަސްދީޤުކުރެއްވުމާއެކު ހައިކޯޓުގެ ދެ ގޮފި އުވިއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިދިޔަ ޖޫން 27 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މި އިސްލާހުގައިވާ ގޮތުން އެ ޤާނޫނަށް އަމަލުކުރާނީ ޤާނޫނު ފާސްވެ, ތަސްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުންނެވެ. ރައީސް މި ޤާނޫނު ތަސްދީޤުކުރެއްވުމާއެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވި ޢަމަލުކުރަން ފެށިފައެވެ.
މި ޤާނޫނަށް ގެނައި މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުން ގާއިމުވެ ތިބޭނީ މާލޭގައި ކަމަށް ކަނޑައެޅުން ހިމެނެއެވެ. އެ ގޮތުން ހދ.ކުޅުދުށްފުށީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮތްޕާއި އައްޑޫގައި ހުންނަ ދެކުނު ގޮފި އުވާލައި, އެ ތަންތަނުން ކުރަމުން އައި މަސައްކަތްތައް ހައިކޯޓަށް ބަދަލުކޮށް, ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެން ކޯޓުތަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދެއްވުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހަވާލުކުރުން ހިމެނެއެވެ.
އެމްޑީޕީގެ އަދުލުގެ ބޮޑު ތިލަފަތާއި ލާމަރުކަޒީ ތޮޅިޔަށް ވީތޯ ؟