ޚަބަރު

އިންޑިއާ އައުޓް އަތޮޅު ތެރޭގެ ހަރަކާތް ހުއްޓާލީ ރައީސްގެ ޤަރާރުގެ ސަބަބުން، ހަރަކާތް ކާމިޔާބު: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ މިލިޓަރީ ރާއްޖޭގަައި ތިބުމާ ދެކޮޅަށް އިދިކޮޅުން އަތޮޅު ތެރޭގެ ރަށްރަށުގައި ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ހިންގަމުން އައި ހަރަކާތްތައް ހުއްޓާލާފައިވަނީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޤަރާރަކުން އެކަން ހުއްޓުވުމުން ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ނެރުއްވި ޚާރިޖީ ސިޔާސަތު ރައްކާތެރި ކުރުމުގެ ޤަރާރުގެ ދަށުން އިންޑިއާ އައުޓް ފަދަ ހަރަކާތްތައް ވަނީ މަނާކޮށްފައެވެ. އެއާއެކު ފުލުހުން ވަނީ އިންޑިއާ އައުޓް ޖަހާފައިވާ ބެނާތަނާއި ދިދަތައް ވެސް މާލޭއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުން ނަގާފައެވެ.

ރައީސް ޞާލިޙްގެ ޤަރާރާއެކު، އިންޑިއާ އައުޓްގެ ހަރަކާތްތައް ވަނީ މަޑު ޖެހިފައެވެ. މިކަމާ ގުޅިގެން ރައީސް ޔާމީނާ، ރޭ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން ވިދާޅުވީ، އިންޑިއާ އައުޓް ކެންޕެއިން ހުއްޓުވި ހިސާބުން އެކަން ކާމިޔާބުވީ ކަމަށެވެ.

"އެކަން އެހާ ބޮޑުވެގެން، ރައީސްގެ ޤަރާރަކުން ހުއްޓުވާލައިގެން އުޅުނީ ކީއްވެގެންތޯ؟ ކާމިޔާބުވީ ދެއްތޯ؟" އެކަން ހުއްޓުވީ އިންޑިއާގެ ޕްރެޝަރު ބޮޑުވެގެން ކަމަށް ވިދާޅުވިއެވެ. އަދި އެ ހަރަކާތް މިިހާރު ކުރިޔަށް ނުގެންދާ ސަބަބު ވިދާޅުވިއެއެވެ.

"މި ރައީސަކީ ޤާނޫނަށް ތަބާވާ ރައީސެއް. މި ރައީސެއް އިންޑިއާ އައުޓް ކިޔަން ދާކަށް ބޭނުމެއް ނޫން އެ ރަތް ޓީޝާޓުގައި މޭމަތީގައި އިންޑިއާ އައުޓް ޖަހައިގެން ނޫނީ. މިހާރު އެ ދެވެން ނެތް ގޮތަކީ އަޅުގަނޑުމެން އެކަން ކުރަން ގޮސްފި ކަމަށް ވަންޏާ، ރައީސްގެ ޤާނޫނާ ޚިލާފު ޤަރާރުގެ ދަށުން، ފުލުހުންނަށް މަޖުބޫރުވާނެ އެކަން ކުރިޔަ ނުދޭން. އެހެންވީމަ އެކަން އަޅުގަނޑުމެން ހުއްޓާލަން ޖެހޭނެ"

ރައީސް ޔާމީން ވިދާޅުވީ، ރަށެއްގައި މި ހަރަކާތް ނުހިންގިގެން ރަށުގެ މަސްލަހަތު ގެއްލޭ ވަރުގެ ކަމެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

އިންޑިއާއާއެކު ހެދިފައިހުރި އެގްރީމެންޓް ތަކާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ، އެގްރީމެންޓްތަކުގެ ތެރެއިން ދިވެހި ރާއްޖެއަށް ގެއްލުންވާ ގޮތަށް ހުރި އެގްރީމެންޓްތައް ކެންސަލް ކުރައްވާނެ ކަމަށާއި އެކަން ކުރާނީ ސަރުކާރުގެ ޑިޕްލޮމެސީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި އިންޑިއާ ފަސްޓް ޕޮލިސީ ބޭނުން ކުރައްވާނެ ކަމަށާއި ނަމަވެސް އިންޑިއާ އޮންލީ ޕޮލިސީ ބޭނުންފުޅު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ތިބި ކަމަށް ރައީސް ޔާމީން ދައްކަވާ ވާހަކަފުޅާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ، އިންޑިއާ ސިފައިން ތިބިއްޔާ ތިބިތަންތަން ކިޔައިދެން ޖެހޭނީ ސަރުކާރުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގެ އެތަން މިތަނަކު އިންޑިއާ ސިފައިން މަރުކަޒުވެގެން ތިބޭ ތަނެއް ނުފެންނާނެ. އެކަން ޖެހޭނެ ފިލަން." ރައީސް ޔާމީން ވިދާޅުވިއެވެ.

  1. ހުދުހުދު

    ބަލަ ތިވެސް ފެއިލް ގަޅި ވާހަކައެއް. ގަވާޢިދާ ޚިލާފު ގަރާރަކަށް ތިޔަކަން ދޫކޮށްލީއޭ….ޔާންޓޭ އަކަށް ނުވާނެ……..ގަޅި.