ޚަބަރު ސިޔާސީ

މުޅި ޤައުމަށް އުޖާލާ ރާސްތާއަކަށް 2023 ގައި ރައީސް ޔާމީން: ޑރ.ޖަމީލް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމިން އަދި ޑރ.މުޙައްމަދު ޖަމީލް. ފޮޓޯ: ރައީސް އޮފީސް

ޤައުމުގެ ރާސްތާ އުޖާލާކުރުމަށް 2023 އަށް އިންތިޚާބުކުރާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ކަމަށް އެ މަނިކުފާނުގެ ފުރަތަމަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

''ހަވާލޭ ވަޠަން'' ގެ ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވަނީ ރައީސް ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައެވެ. އެއަށްފަހު ރައީސް ޔާމިން ވަނީ ޤައުމުގެ ހާލަތު މިއަދު އޮތް ގޮތުގެ މައްޗަށް ވަރަށް ތަފްސީލީކޮށް ވާހަކަ ދައްކަވައިފައެވެ.

އެ މަނިކުފާނުގެ ވާހަކައިގައި ވަނީ މި ސަރުކާރު ކޮރަޕްޝަންގެ ''ހާއްޔަކަށް'' ވެފައިވާ ކަމަށާއި, ނިޒާމުގެ މައްސަލައެއް ނެތް ކަމަށާއި މައްސަލައަކީ ނިޒާމު ހިންގަވަން ތިއްބެވި ބޭފުޅުންގެ ''އުރަތްޕެއް'' ނެތުންކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވީ ޒުވާނުންނަށް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ނުކުޅަދާނަވާ މިންވަރަށް ރާއްޖޭގެ ދަރަނި ބޮޑުވެފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

އެ ކަންކަން އެހެން ހުރި ނަމަވެސް ރައީސް ޔާމިން ވަނީ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އުފުއްލަވަން ފަސްޖެހިވަޑައިނުގަންނަވާނެކަން ހާމަކޮށްދެއްވައިފައެވެ.

''ތި ހަވާލުކުރެއްވި ވަރުގަދަ މަސްއޫލިއްޔަތު އަދި އަމާނާތް މިއީ އެންމެ އުފުލަން ބޭނުންވާ މަސްއޫލިއްޔަތަކަށް ނުވި ނަމަވެސް މި މަސްއޫލިއްޔަތު އުފުލަން މިއަދު މަޖުބޫރުވެއްޖެ.'' ރައީސް ޔާމިން ވިދާޅުވިއެވެ.

ޑރ.ޖަމީލް މިއަދު ކުރެއްވި ޓުވީޓުގައި ފުރަތަމަ ވެސް ވިދާޅުވީ ''ރައީސް ޔާމިންގެ ވާހަކަފުޅުން އުންމީދު އާވެއްޖެ'' ކަމަށެވެ. އަދި ޤައުމުގެ ޙާލަތު ބަދަލުކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ އެ މަނިކުފާނުކަން ރައީސް ޔާމިން ސާބިތުކޮށްދެއްވައިފި ކަމަށެވެ.

ޑރ.ޖަމީލް އިތުރަށް ވިދާޅުވީ އެމްޑީޕީއަށް ހުރިހާ ބާރެއް ލިބުނުއިރު ވެސް ފެއިލްވެއްޖެ ކަމަށެވެ.

''ޒުވާން ޖީލަށް އަދި މުޅި ޤައުމަށް އުޖާލާ ރާސްތާއަކަށް 2023 ގައި ރައީސް ޔާމީން.'' ޑރ.ޖަމީލްގެ ޓުވީޓު ނިންމަވައިލެއްވި ޖުމްލައިގައި ލިޔުއްވާފައިވެއެވެ.

Ads by Allied Insurance
  1. މިޤައުމުގެ ތާރީހަށްބަލާއިރު ވެރިން ކުރާކަމަކީ އޮޑިވެރިން ދިޔަވަރު ބޮޑުވީމާ އޮޑި އެހެލާ ފަދައިން، ދައުލަތުގެ ތިޖޫރީގައި އެންމެ ގިނައިން ފައިސާ ޖަމާވަގުތު ބަލާފަ ކޮންމެސް ޅިޔަނަކު ނޫނީ ރައްޓެއްސަކު ލައްވާ ތިޖޫރީގައި ހުއްނަ ފައިސާކޮޅު ނަގާ ހުސްކޮށްލަނީ !