ޚަބަރު ސިޔާސީ

ވެރިކަން ހިންގުމުގެ ގާބިލުކަމުގެ ނިސްބަތްވަނީ ލަދުގަންނަ ހިސާބަށް ވެއްޓިފަ: ދުންޔާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދުންޔާ މައުމޫން.

މި ސަރުކާރުގައި ހިންގުމުގެ ތަޖުރިބާއެއް ވައްޓަފާޅިއެއް އަދި ގާބިލުކަމެއް ނެތް ކަމަށާއި, ރާއްޖޭގެ ވެރިކަން ހިންގުމުގެ ގާބިލުކަމުގެ ނިސްބަތް މިހާރުވަނީ ލަދުގަންނަ ހިސާބަކަށް ވެއްޓިފައިކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by MWSC

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ގައި ރޭ ދެއްކެވި ވާހަކައިގައި ދުންޔާ ފުރަތަމަ އަލިއަޅުވައިލެއްވީ އެމްއެންޕީ އުފެދުނު މަގުސަދާއި, އޭނާ އެ ޕާޓީއާ ގުޅިވަޑައިގެންނެވި ސަބަބުތަކުގެ މައްޗަށެވެ.

ދުންޔާ ވިދާޅުވީ އެމްއެންޕީ އުފެދުނީ އަމިއްލަ މަސްލަހަތު ދުރުކޮށް ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ކަމަށެވެ. އަދި އޭނާ އެ ޕާޓީއާ ގުޅިވަޑައިގެންނެވީ ވަރަށް ފޮނި އުންމީދުތަކެއް ހާސިލުކުރެއްވުމަށް ކަމަށް ދުންޔާ ވިދާޅުވިއެވެ.

''ދިވެހިރާއްޖެ މި ވަގުތު ވެއްޓިފައިވާ ފުން ވަޅުގަނޑުން ނެގުމަށް. ކުރަންޖެހޭ މަަސައްކަތް ކުރުމަށް ކެތްމަދުވެފައި ހުރީމަ. ޤައުމުގެ ހާލަތު ދުވަހެއް ދުވަހަށް ދަށަށް ދާތަން ފެނުމުން. އެހާމެ ދެރަވެ ހިތާމަ ކުރާތީ. ދިވެހިރާއްޖޭގެ ކުރިމަގާމެދު ކުރާ ފޮނި އުންމީދުތައް ހާސިލުކޮށްދޭފަދަ ތަސައްވުރެއް އޮތް ހިތްވަރެއް ހުރި ހަމައެކަނި ޕާޓީއަކީ މޯލްޑިވްސް ނެޝަނަލް ޕާޓީކަމަށް އަޅުގަނޑަށް ގަބޫލުކުރެވިގެން. އަޅުގަނޑުގެ ދަރިންނާއި ދަރިންގެ ދަރިން އެކުދިންގެ އުންމީދުތައް ހާސިލު ކުރުމަށް ޤައުމު ހަމަމަގަށް އެޅުވޭނެ ހަމައެކަނި ޕާޓީއަކީ މޯލްޑިވްސް ނެޝަނަލް ޕާޓީކަމަށް ފެނިގެން.''

މި ރޮނގުން ދެއްކެވި ވާހަކައިގައި ދުންޔާ އިތުރަށް ވިދާޅުވީ ފުދުންތެެރި ދިވެހިން އުފައްދައި, ޤައުމަށް ހަމަޖެހުން ގެނެވޭނެ ހަމައެކަނި ޕާޓީއަކީ ވެސް އެމްއެންޕީ ކަމަށެވެ.

މީގެއިތުރުން ދުންޔާ ވިދާޅުވީ ދިވެހި ރައްޔިތުން މިއަދުގެ ސަރުކާރާ ވެރިކަން ހަވާލުކުރީ ޤައުމަށް ހަމަޖެހުމާއި, ފާގަތިކަމާއި ތަނަވަސްކަން ގެނެސްދިނުމަށް ކަމަށާއި, ރައްޔިތުންގެ ރައްކާތެރިކަން ރައްކާތެރިކުރާނެކަމަށް ވަޢުދާއި, ހުވާކުރުމުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް އޮންނަ އިތުބާރު އަނބުރާ ހޯދާނެކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

''އެކަމަކު ދަންނަވަންތޯ! ކިތަންމެ ގިނަ ވޯޓެއް ލިބުނަސް, މަޖިލީހުގައި ކިތަންމެ ގިނަ ގޮނޑިއެއް ލިބުނަސް, އެއީ ޤައުމުގެ ވެރިކަން ހިންގުމެއްނޫން. މިދިޔަ ތިން ހަތަރު އަހަރު އަޅުގަނޑުމެންނަށް  ފެނުނު މަންޒަރަކީ ހިންގުމުގެ ތަޖުރިބާއެއް ވައްޓަފާޅިއެއް އަދި ގާބިލުކަމެއް މި ސަރުކާރުގައި ނެތްކަން. ވޯލްޑް ބޭންކުގެ  ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ގާބިލުކަމުގެ ނިސްބަތް މިހާރުވަނީ ލަދުގަންނަ ހިސާބަކަށް ވެއްޓިފަ.''

ދުންޔާ ވިދާޅުވީ 1998 ވަނަ އަހަރު 80 އިންސައްތައިގައި ހުރި ނިސްބަތް މިދިޔަ ދެތިން އަހަރުތެރޭގައި 35 އިންސައްތައަށް ވެއްޓިފައިވާ ކަމަށާއި, މިއިން ދުވަހަކު ނުވާވަރަށް ދިވެހި ރައްޔިތުން ފަގީރުވެފައިވާ ކަމަށެވެ. ރާއްޖޭގެ ޢާމްދަނީން ބޮލަކަށްޖެހޭ މިންވަރު މިހާރު ވަނީ 2015 ވަނަ އަހަރު ހުރި ވަރަށް ވެށްޓިފައި ކަމަށާއި, އަންހެނުންނާއި ޒުވާނުންގެ ޙައްޤުތަކަށް ވެސް އަރައިގެންފައިވާ ކަމަށެވެ. ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު ވެސް އިތުރަށް ދަށަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

  1. މުހަންމަދު

    ތިބޭފުރީންނަށް އެގޭނީ ރައޔިތުންގެ ފައިސާއިން ކައިގެން ބޮއިގެން އުޅޭށައި، ސިންގަޕޫރުން (ރައްޔިތުން ފައިސާއިން) ކާތިކެތި ގެނެސްގެންކާން…..