ޚަބަރު ރައްޔިތުންގެ މަޖިލިސް

އަމީނީ މަގު ހަދަން ގަސްތައް ނަގާނަމަ ޝަރީޢަތަށް ދާނަން: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މާލޭގެ އެންމެ ބޮޑު އެއް މަގުކަމަށްވާ އަމީނީ މަގު ހެދުމަށް, އެ މަގުގައި ހުރި ގަސްތައް ނަގައި ނުވަތަ ގަސްތައް ކެނޑުން ހުއްޓާލައި ސަރުކާރުން ދެވަނަ ވިސްނުމަކަށް ނުގޮސްފިނަމަ ޝަރީޢަތަށް ވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަމަހުގެ 30 ގައެވެ. އެ މަސައްކަތުގެ ދަށުން މިހާރު ވަނީ އަމީނީމަގުގައި ހުރި ގަސްތައް ނަގަން ފަށާފައެވެ. އެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ އެ ގަސްތައް ގެންދަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ކުޑަގިރިއަށް ކަމަށެވެ.

މީގެ ކުރިން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގަހެއް ހައްދަން 15-20 އަހަރު އެބަ ނަގާ ކަމަށާއި, އެކަމަކު މަގެއް ހެދުމަށް ހޭދަވަނީ ދެތިން މަސް ކަމަށެވެ. އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެއް ހޯދުމަކީ މުހިންމުކަމެއް ކަމަށާއި, ގަސްތައް ނުކަނޑައި މަގުތައް ހެދޭނެ ގޮތެއް ހޯދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އަމީނީ މަގު ހަދަން ގަސްތައް ނަގާތީ އެކަމުގެ ކަންބޮޑުވުން މެންބަރުންނާއި ޢާންމު ރައްޔިތުންގެ ސަމާލުކަމަށް މީގެ ކުރިން ވެސް ގެންނެވި ކަމަށެވެ. އަދި އުންމީދުކުރައްވަނީ ޕްލޭނިންގ މިނިސްޓްރީންނާއި އާރްޑީސީން ދެވަނަ ވިސްނުމަކަށްދާނެ ކަމަށް ކަމަށެވެ.

އެހެންނޫންނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މިކަމުގައި ޝަރީޢަތަށް ވަޑައިގެންނެވުން ނޫން ގޮތެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ކަލޭ

    ދޭބަލަ! ކަލެއަށް އެއްކަމެއްވެސް ނުވާނެ! ކަލޭ އިންދި ގަސްތަކެއްތަ އެއީ؟؟؟؟