ދާއިމީ ދުނިޔެ ދޫކޮށް ވަގުތީ ދުނިޔެ އާރާސްތުކުރާ މީހުންނާއި މެދު ހައިރާންވެއެވެ.
އިސްލާމްކަމާއި ކާފިރުކަމާއި ވަކިކޮށްދެނީ ނަމާދެވެ. އަދި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއި މެދުގައެވެ. ނަމަވެސް އެދުވަހު ދޭން ޖެހޭ ހިސާބަށް ތައްޔާރު ނުވެ ، ނަމާދު އަޅާފައި ވިޔަފާރީގެ ހިސާބުތައް ބަލާ ، ވިޔަފާރި ކުރިއެރުވުމުގައި އަހަރެން މިއުޅެނީ އަވަދިނެތިއެވެ.
ﷲގެ ރަޙުމަތާއި މެދު އުއްމީދު ކުރާ މީހަކަށް އޮތް އެންމެ މުހިންމު ކަމަކީ ރަޙިމްގެ ގުޅުން ދެމެހެއްޓުމެވެ. ނަމަވެސް އަހަރެންގެ ޕާޓީއަށް ތާއީދު ނުކުރާތީ އެއްބަނޑު އެއްބަފާ އެތައް ބަޔަކާ އަހަރެން ގުޅުން ކަނޑައިފީމެވެ. އަހަންނަށް ރަޙުމް ކުރާ މީހުން ތިބީ އަހަރެންގެ ޕާޓީގައެވެ.
ސުވަރުގޭގެ މަތީ ދަރަޖަތައް ޙާޞިލް ކުރެވެން އޮތް އެއް މަގަކީ މަތިވެރި އަޚްލާޤެވެ. ރުޅި ކޮންޓްރޯލް ކުރުމެވެ. ރިވެތިބަހުން މުޚާތަބު ކުރުމެވެ. އަނެކާ ދެރަކޮށް ނުލުމެވެ. އެހެންނަމަވެސް އަހަންނާއި ދިމާއަށް އޭނާ އެހެން ބުނީތީ އަހަރެންވެސް ދުލެއް ނުކުރާނަމެވެ. އަހަރެން ވަކި ދޫކުރަންވީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ވެސް އެއްޗިހި ކިޔޭކަން އަންގާލާނަމެވެ.
އެކުވެރީންނެވެ. މި ބަޔާން ކޮށްލެވުނީ އަހަރެމެންގެ މުޖުތަމަޢުން އާންމުކޮށް ފެންނަ ތިން ޙާލަތެކެވެ. ނުވަތަ ތިން ޙާދިޘާއެކެވެ.
މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނު ޚައްޠާބު ވިދާޅުވެފައިވެއެވެ. " ދާއިމީ ދުނިޔެ ދޫކޮށް ވަގުތީ ދުނިޔެ އާރާސްތުކުރާ މީހުންނާއިމެދު ހައިރާންވެއެވެ.''
އޭ އަޚުންނާއި އުޚުތުންނޭވެ. ދާއިމީ ދުނިޔެ ހަނދާން ނައްތާލާ ވަގުތީ ދުނިޔެ އާރާސްތު ކުރާ މީހުންނާއި މެދު ޢުމަރު ބުނު ޚައްތާބު މީގެ އެތައް ސަތޭކަ އަހަރެން ކުރިން ހައިރާންވެ ވަޑައިގެންނެވިއިރު މިއަދުގެ ޙާލަތާއި މެދު ތިބާ ހައިރާން ނުވޭތޯއެވެ. ޖާހިލުވެ ބޮޑާވެރި މިވަނީ ކޮންކަމަކާތޯއެވެ. ކޮންމެވެސް ބައެއްގެ ކޮނޑުމަތިން މިއަދު ވެސް ތިބާގެ ސަންދޯއް އުފުލަން ޖެހިދާނެކަމާމެދު ޣާފިލްވަނީތޯއެވެ؟