މި ސަރުކާރު އިންތިޚާބުވީ މަރުގެ މައްސަލަތައް ބެލުމުގެ ވަޢުދާއެކުގައި ކަމަށާއި, ނަމަވެސް އެފަދަ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުން ގަބޫލުކުރާކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
ރިޔާސީ ކޮމިޝަންތަކަކީ އެކިއެކި ތަޙުޤީޤުތައް ކުރުމަށް ނުވަތަ ޤައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަން ތަކެކެކެވެ.
އޭގެތެރެއިން އެއް ކޮމިޝަނަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނެވެ.
އިއްޔެއަކީ ރަޙުމު ކުޑަ ގޮތަކަށް ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލިތާ ދިހަ އަހަރު ފުރުނު ދުވަހެވެ. އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ.
ރިޔާސީ ކޮމިޝަނުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ޢާންމުކުރި ތަހުޤީޤީ ރިޕޯޓުގައި ބުނެފައިވަނީ އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކު ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާޢަތަކާ ކަމަށެވެ. އަދި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ މި މައްސަލައިގައި ކުށް ސާބިތު ވެފައިވަނީ ހ.ލޮބީ, ޙުސައިން ހުމާމް އަހުމަދުގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ޙުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ. ނަމަވެސް އެ ޙުކުމް މިއަދާ ހަމައަށް ވެސް ތަންފީޒު ކޮށްފައެއް ނުވެއެވެ.
އަފްރާޝީމް އަވަހާރަކޮށްލިތާ ދިހަ އަހަރު ފުރިފައިވާއިރު މި މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްއާރްއެމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްރާޝީމް އަވަހާރަ ކޮށްލާފައިވާ ހާދިސާއަކީ ދިވެހީންގެ ހަނދާންތަކުން ދުވަހަކު ވެސް ފިލައިގެންދާނެ ހާދިސާއެއް ނޫން ކަމަށެވެ.
''އެ މަނިކުފާނުގެ ހަށިކޮޅަށް ތޫނު ހަތިޔާރަކުން ހަމަލާދީ، އޮހޮރާލި އެ ލެޔަކީ، އިންސާނިއްޔަތު ކަމުގެ އެއްވެސް ކުލުނެއް ނެތް ބަޔަކު އޮހޮރާލި ލޭ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި އެރޭގެ އެ ބިރުވެރި ކަމަކީ، ދިވެހީންގެ ހިތްތަކުގައި އަބަދު ވެސް ހަރުލާފައި ހުންނާނެ ބިރުވެރިކަމެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މި ސަރުކާރު އިންތިޚާބުވީ މިފަދަ މައްސަލަތައް ބެއްލެވުމުގެ ވަޢުދާއެކުގައެވެ.'' ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.
ނަމަވެސް މި މައްސަލައިގެ ތަހުޤީޤު މި ހިސާބަށް ގެންދިޔުމަށްފަހު މިހާރު ތަހުޤީޤު ހުއްޓިފައިވާ ކަމަށާއި, އެހެންކަމުން މިފަދަ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމެއް ނެތް ކަމަށް ގިނަ ރައްޔިތުން ދެކޭކަމަށް އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.
''ޑރ.އަފްރާޝީމް ޢަލީފަދަ ދީނާއި ޤައުމަށް ނުހަނު އަގުހުރި އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކު އަވަހާރަ ކޮށްލުމުން، އެކަން ހިނގައި ދިޔަ ގޮތެއް އިތުރަށް ބެއްލެވުމެއް ނެތި އެ މަނިކުފާނުގެ މަރުގެ ވާހަކަތަށް މެދުކަނޑާލައި، އެ ހާދިސާއަށް ދިހަ އަހަރުގެ ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާ އިރު ވެސް، އެ ހަމަލާ ރާވައި، އެކަމުގައި ބައިވެރިވީ މީހުންގެ ވެސް މައްސަލަ މިއަދާ ހަމައަށް ވެސް ވަނީ ނުބެލިފައެވެ. އަދި މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، މި ފާއިތުވީ ދިހަ އަހަރަކީ ޑރ. އަފްރާޝީމަ އެއްވެސް އިންސާފެއް ނުލިބި ފާއިތުވީ ދިހަ އަހަރުކަން ހިތާމައާއެކު ފާހަގަ ކުރަމެވެ.''
އެހެންކަމުން ޑރ. އަފްރާޝީމްގެ މަރުގެ ތަހުޤީޤު އަނެއްކާވެސް ފަށައި އެ ކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ޝަރީޢަތުގެ މައިދާނަށް ހާޒިރުކޮށް އެ އެންމެންނަށް ޤާނޫނުގައިވާ އެންމެ މަތީ އަދަބު ވީ އެންމެ އަވަހަށް ދިނުމަށް އެމްއާރްއެމްއިން ވަނީ ގޮވައިލާފައެވެ.
މިސަރުކާރުން މަރު ކޮމިސަން އުފެއްދި އަސްލުމީހާ ކުށުން ބަރީއަކުރުމަށް. ރިޒްވާނާއި އަފްރާސީމްގެ ދެރިޕޯޓް އެމީހާ ބުނިގޮތަށް ހަދާދިނުމުން އެހުރީ ސްޕްރީމްކޯޓްގެ ފަނޑިޔާރުކަން ދިފަ. އެމީހާ މިހާރު ހިތަށް އަރާނެ އަހރެއް ބައީއަ ވިއޭ ނަމަވެސް އެދެރިޕޯޓްގެ ސަބަބަުންއެމީހާ ހައްޔަރުކުރަންޖޭގަ ލިބިގެންދިޔައީ..އެރިޕޯޓުން އުފެދޭސުވާލުތަކަށް ތަހުގީގު ޓީމުން ޖަވާބުދޭންޖެހޭ ދުވަހެއް އަތުވެދާނެ.