ޚަބަރު ސިޔާސީ

އަދުރޭ, ރައީސް ޞާލިޙަށް: ދޮގު ހެދުމުގައި ތިޔަހާ ހުޝިޔާރު ވެރިޔަކު އަތްފުނާ އެޅިޔަސް ނުފެންނާނެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ތަރައްޤީ ކުރުމުގެ މަސައްކަތް ފެށީ މީގެ 12 ވަރަކަށް އަހަރު ކުރިންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ads by STELCO

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ވީއައިއޭގެ ތަރައްޤީ ފެށީ ''ތިމަންނާ ވިހޭ ދުވަހުއޭ'' ވިދާޅުނުވީ ކީއްވެތޯ ރައީސް ޞާލިޙާ ސުވާލު ކުރައްވައިފައެވެ. އޭރުން ވެސް މަވެތިކަމުގެ އަހުލުވެރިން ހަޤީޤަތް އެނގިތިބެ ހަމަ ހީހީފައި އަތްޖަހާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

''ދޮގާ މަކަރާ އޮޅުވާލުމުގައި ތިޔަހާ ހުޝިޔާރު ވެރިޔަކު ދުނިޔޭގެ އެއްވެސް ތަނަކުން އަތްފުނާ އެޅިޔަސް ނުފެންނާނެކަން ކަށަވަރު'' އަދުރޭ ވިދާޅުވިއެވެ.

ވީއައިއޭގެ ތަރައްޤީ ކުރުމުގެ މަސައްކަތް ފެށީ މީގެ 12 ވަރަކަށް އަހަރު ކުރިންކަމަށް ރައީސް ޞާލިޙް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެރޭ ބޭއްވި ޓޫރިޒަމް އެވޯޑް ދިނުމުގެ ހަފުލާާގައި ދެއްކެވި ވާހަކަފުޅުގައެވެ.

''ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު. އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެ އަންނަނީ ކުރަމުން. އޭގެ ތެރެއިން ވެސް އެންމެ މުހިންމީ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް. މީގެ 12 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ތަރައްޤީ މިހާރު އެ އަންނަނީ ލޯމައްޗަށް ފާޅުވަމުން.'' ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވަނީ ހަނިމާދޫ އެއާޕޯޓާއި, އައްޑޫ ސިޓީ ގަން އެއާޕޯޓުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި, މީހުން ދިރިއުޅޭ ކޮންމެ ރަށަކުން، 20-30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް އޮތުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވިދާޅުވެފައެވެ.

Ads by Ooredoo
  1. އަލީ

    ތީހަމަހަޤީގަތުގަވެސް ”ތިމަންނާ ވިހޭ ދުވަހުއޭ” ޞާލިޙް ވިދާޅުވާހިސާބުގައި ހުރީ!!!!