ޚަބަރު ސިޔާސީ

ރައީސް ޔާމީން އަންނަ އާދިއްތަ ދުވަހު އައްޑުއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މި މަހުގެ 06 ވަނަ ދުވަހުގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by MWSC

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން މި ދަތުރުފުޅު ކުރައްވާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މ ދަތުރުފުޅުގައި ފޭދޫ, މަރަދޫ, މަރަދޫފޭދޫ, ހިތަދޫ, ހުޅުދޫމީދޫ އަށް ވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައީސް ޔާމީން އެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށާއި, އޭގެތެރޭގައި ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުންނާއި ޕީޕީއެމްގެ މެންބަރުން ހިމެނޭނެ ކަމަށެވެ. އަދި ރައީސް ޔާމީން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ ވަކި ފިކުރަކަށް ނުބަލައި, ވަކި ޕާޓީއަކަށް ނުބަލައި ރައްޔިތުންނާ ބައްދަލުކުރެއްވުންކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

''ރައީސް ޔާމީން އައްޑުއަށް މިކުރަށްވާ ދަތުރުފުޅުގައި ވަކި ފިކުރަކަށް ނުބައްލަވައި ވީހާވެސް ގިނަ ބޭފުޅުންނަށް އަޅުގަނޑުމެން ދަޢުވަތު އަރުވަމޭ އަޅުގަނޑުމެންނާ ބައްދަލުކުރައްވައި އެ މަނިކުފާނަށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ހާމަކޮށްދެއްވުމަށް. އެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިވަޑައިގަންނަވާނެ.''

ހީނާ ވިދާޅުވީ މި މަހުގެ ތެރޭގައި ގދ.އަތޮޅަށާއި ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ވަކި ތާރީޚެއް އަދި ފައިނަލް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހީނާގެ ވާހަކައިގައި ރައީސް ޔާމީން އައްޑުއަށް ގެނެސްދެއްވި ތަރައްޤީގެ މަޝްރޫޢުތަކަށް ވެސް ނަޒަރެއް ދެއްވިއެވެ.

ރައީސް ޔާމީންގެ ބައެއް މަޝްރޫޢުތައް:

ހުޅުމީދޫގައި ނަރުދަމާ ނިޒާމުގެ ޚިދުމަތާއި ފެނުގެ ޚިދުމަތް.

ހުޅުމީދޫގައި ހައުސިން ޔުނިޓްތައް ގާއިމުކުރުން.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގާއިމުކުރުން.

ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު.

ހިތަދޫ ނަރުދަމާގެ ޚިދުމަތް.

ހިތަދޫގައި ހައުސިންގް ޔުނިޓްތައް ގާއިމުކުރުން.

ހިތަދޫގައި ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ގާއިމުކުރުން.

ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް.

ފޭދޫ ބިން ހިއްކުން.

ރައީސް ޔާމީން އައްޑުއަށް ކުރައްވާ މި ދަތުރުފުޅަކީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ.

ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ފުރަތަމަ ވަޑައިގަތީ ދ.ކުޑހުވަދުއަށެވެ. އެއަށްފަހު ހއ.އަތޮޅުގެ ބައެއް ރަށްތަކަށެވެ. ދެން ވަޑައިގަތީ ނޫނު އަތޮޅުގެ ބައެއް ރަށްތަކަށެވެ.

މި ދަތުރުފުޅުތަކުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރުމާއި, ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުން ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!