ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ޤަދަރު ކުޑަކަން ހާމަވެއްޖެ: އެމްއާރްއެމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސް ކޮޕް 27 ގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެހެން ޤައުމެއް ތަމްސީލު ކުރެއްވުމަށް ވަޑައިގަތުމަކީ އެ މަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ޤަދަރު ކުޑަކަން ހާމަވާކަމެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން މިއަދު ބުނެފިއެވެ.

ސްރީލަންކާގެ ޤައުމީ ވަފުދުގެ މެންބަރެއްގެ ގޮތުގައި ކޮޕް 27 ތަމްސީލު ކުރެއްވުމަށް ރައީސް ނަޝީދު މިޞްރަށް ވަޑައިގަތުމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެެއީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ރޫހާ ޚިލާފު، މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެއް ކަމަށެވެ.

ރައީސް މައުމޫން ޒަޢީމްކަން ކުރައްވަމުން ގެންދަވާ އެމްއާރުއެމްގެ އެ ބަޔާނުގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއިން ވެސް ބައިވެރިވާ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި އެހެން ޤައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެ މަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ޤަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއްކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެމްއާރްއެމްއިން ބުނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ވެސް ފުރުއްވާފައިވާ އަދި މިހާރު ރައްޔިތުން އިންތިޚާބުކޮށްފައިވާ އެ މީހުންގެ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ދައުލަތުގެ ތިން ބާރު ތެރެއިން ޤާނޫނު ހެދުމުގެ ބާރުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު މިފަދަ އަމަލެއް ހިންގެވުމަކީ އެމްއާރްއެމްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށާއި އެކަން ބަލައެއް ނުގަނެވޭނެ ކަމަށެވެ.

Ads by Ooredoo
  1. ވީހާވެސް އަވަހަކަށް މަޖިލިސްގެ ރައީސުކަމުން ދުރުކުރަންވީ ނުންތޯ ؟ ތިހާބޮޑަށް ރާއްޖޭގެ ޤަދަރު ކުޑަކުރުމަކީ މަޖިލިސް ގެ ރައީސާއި ލާއިޤު އެކަށޭނަ ކަމެއްނޫން !