ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

މިނިސްޓްރީގެ ފަރާތުން ޙައްޖަށްދިޔަ ފަސް މީހުންގެ ވަފުދަށް އެއްމިލިއަން ރުފިޔާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

1443 ވަނަ އަހަރު ޙައްޖުގެ އަޅުކަމަށް އިސްލާމިކް މިނިސްޓްރީން ޚަރަދުކޮށްގެން, ޙައްޖު މިޝަންގައި ދިޔަ ފަސް މީހުންގެ ވަފުދަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއްވި ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މި މަޢުލޫމާތުތައް ހާމަކުރެއްވީ މި އަހަރުގެ ޙައްޖު ދަތުރުތަކުގެ ޚަރަދުތަކުގެ ތަފްސީލުތައް ހޯއްދެވުމަށް އެދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ލިޔުމުން ޖަވާބު ކުރެއްވި ދެ ސުވާލަށް ދެއްވި ޖަވާބުގައެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު ވަނީ މިނިސްޓްރީން ލިޔުމުން ފޮނުއްވި ޖަވާބު އިއްވައިފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ މި އަހަރު ޙައްޖު މިޝަންގެ ފަރާތުން ޙައްޖަށް ދިޔައީ ފަސް މީހުން ކަމަށާއި 48 ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ހޭދަވީ 1.08 މިލިއަން ރުފިޔާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ ދެކޮޅު ޓިކެޓަށް ޚަރަދުވި 148,279 ރުފިޔާއާއި ހުރުމާއި ކެއިންބުއިމުގެ ޚަރަދުވި 762,368 ރުފިޔާއާއި ޕޮކެޓް މަނީއަށް ޚަރަދުވި 12,028 ރުފިޔާގެ އިތުރުން އިމަޖެންސީ ހާލަތުގައި ޚަރަދުކުރުމަށް 154,200 ރުފިޔާއެވެ.

ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖަށްދިޔަ މީހުންނަށް ކުރި ޚަރަދުތަކުގެ ތަފްސީލް ހޯއްދެވުމަށް ބޮންޑެ ކުރެއްވި ސުވާލުގެ ޖަވާބުގައިވަނީ މުޅި ދަތުރަށް 69.3 މިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި އެއީ ކޮންމެ ޙައްޖާޖީއަކަށް 166,198 ރުފިޔާގެ މަގުން ކަމަށެވެ.

ޙައްޖު ކޯޕަރޭޝަނާ ހަވާލާދީ މިނިސްޓަރުގެ ޖަވާބުގައި އިތުރަށް ވިދާޅުވެފައިވަނީ އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް މީހަކު އެ ކޯޕަރޭޝަނުން ޙައްޖަށް ގެންގޮސްފައިނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ޚަރަދުކޮށްފައިނުވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!