ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު ސިޔާސީ

ބަންޑާރަ ނައިބުގެ ވާހަކަ މަޖިލީހުން ދޮގު ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު--

ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުވެފައިވާކަން، ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރެއްވި ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު ވިދާޅުވި ވާހަކަ މަޖިލީހުން މިއަދު ދޮގު ކުރައްވައިފިއެވެ.

Ads by STELCO

ފޮރިން މިނިސްޓަރ ޝާހިދާއި ބަންޑާރަނައިބު އިބުރާހިމް ރިފްޢަތު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިފްޢަތު ވިދާޅުވީ މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫމާތު މިއަހަރު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

ރިފްޢަތު ވިދާޅުވި ގޮތުގައި، މިމައްސަލާގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރެއްވީ، މިއަހަރުގެ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހުއެވެ. ބަންޑާރަ ނައިބު ވަނީ މަޖިލީހާ ހިއްސާކުރެއްވި ލިޔެކުޔުންތަކުގެ ސިއްރު ހިފަހައްޓަވާ ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

ބަންޑާރަ ނައިބުގެ ވާހަކައާ ގުޅިގެން މަޖިލީހުން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ޚަބަރު ލިބޭ ސިޓީއާ ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުމަށް ގޮވައިލާ ޤަރާރަށް ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މިހައިތަނަށް ނަގަމުން އައި ސްޓޭންޑު ބަދަލުކޮށްފައިވާކަން، މަޖިލީހާ ހިއްސާ ނުކުރައްވާ ކަަމަށެވެ.

މަޖިލީހުން ވަނީ، ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭގޮތުން، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ)އިން 2019 ވަަނަ އަހަރު ނިންމި ނިންމުމުގައި، އިނގެރޭސިވިލާތުން އެތަން މޮރިޝަސްއާ ޙަވާލު ކުރަންޖެހޭ ކަމަށް ނިންމި ނިންމުމާ ގުޅުވައިގެން ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގައި ކުރީ ފަހަރުތަކުގައި ރާއްޖެއިން ޢަމަލު ކުރަމުން އައިގޮތާ ޚިލާފަށް، ރާއްޖެއިންވެސް މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައިގައި ބަންޑާރަ ނައިބު ފާހަގަކުރައްވާފައިވާއިރު، ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭގޮތުން އައިސީޖޭއިން ނިންމި ނިންމުން ތަންފީޒުކޮށް، ޗާގޯސް މޮރިޝަސްއާ ޙަވާލު ކުރުމަށް ގޮވައިލާ ޤަރާރަށް ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން ތާއީދުކޮށް ވޯޓުލާން ނިންމާފައިވާ ކަމެއްވެސް، އަދި އެގޮތަށް ވޯޓުލާން ނިންމެވި ސަބަބުވެސް މިހައިތަނަށް ހިއްސާ ކުރައްވާފައި ނުވާކަން ބަޔާނުގައި ފާހަގަކުރައްވައިފައެވެ.

"ފޯޅަވަހީގެ މައްޗަށް އިނގެރޭސިވިލާތުގެ ސިޔާދަތީ ބާރު ނެތްކަމަށް ކަނޑައަޅުއްވާފައިވާކަން ޚަބަރުތަކުން އިވިފައިވާ ކަަމަށާއި، ދިވެހިރާއްޖެއަށް ދަޢުވާ ރައްދުވާ ގޮތަށް މި މައްސަލައިގައި ދަޢުވާ އުފުލާފައިވާ ޤައުމަކީ މޮރިޝަސް ކަމާއި، މިކަމުގައި ރާއްޖެއިން ކުރިން ދެކެމުން އައިގޮތް ބަދަލުވެއްޖެކަން ޚަބަރުތަކުން އެނގޭކަމާއި، މިއީ ދިވެހި ދަޢުލަތުގެ ސިޔާދަތާ ގުޅުން ހުރި ކަމެއް ކަމަށް ބަޔާންކޮށް، އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއަކާ ގުޅިގެން، މައްސަލަ ދިރާސާ ކުރެއްވުމަށްޓަކައި އެޓާނީ ޖެނެރަލާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޢުލޫމާތު ސާފު ކުރެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން މިއަހަރުގެ ފެބްރުއަރީމަހު އެ އޮފީހަށް ވަނީ ދެ ސިޓީއެއް ފޮނުއްވާފައެވެ." މަޖިލީހުގެ ބަޔާނުގައިވެއެވެ.

އެ ދެ ސިޓީއާ ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުންވެސް އެ މައްސަލައާ ގުޅޭ މަޢުލޫމާތު ހިމަނައި ދެ ސިޓީއެއް އެ ކޮމިޓީއަށް ފޮނުވި ކަމަށާއި، އެހެންނަމަވެސް އެ ސިޓީއާއެކު ހިމަނާފައިވާ އެންމެހައި ލިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އޭރު އެދުނު ކަމަށްވެސް މަޖިލީހުން ވިދާޅުވިއެވެ. އަދި އެ ސިޓީތަކަށްފަހު މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެވިފައިނުވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކަމާގުޅޭ ޤާނޫނުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންޖެހޭ ކަންކަން ހުށަހަޅުއްވުމަށްޓަކައި އޮންނަ އިޖުރާޢަތުރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކުރެއްވުމަށް އޮންނަ އިޖުރާޢަތުތައް އޮޅޭގޮތަށް މަސްއޫލު ފަރާތްތަކުން މަޢުލޫމާތު ނުފެތުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށް މަޖިލީހުގެ ބަޔާނުގައިވެެއެެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!