ދުނިޔެ

ހުޅަނގުގެ މީޑިއާތަކަށް ވޯލްޑްކަޕްގައި ޤުރުއާން ކިޔެވި ވީޑިއޯ ދައްކައިލަން ނުކެރުނު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤަތަރުގެ ވެރިރަށް ދޯހާގައި ރޭ ބޭއްވި ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު  މުސްލިމުންނަށް، ހަމަ ޔަޤީނުންވެސް ވަރަށް ޚާއްސައެވެ. މިއީ އިސްލާމީ ޤައުމެއްގައި މި ބޮޑު މުބާރާތް ބާއްވާ އެންމެ ފުރަތަމަ ފަހަރަށްވުމާއެކު، ޤަތަރުގެ ވެރިރަށް ދޯހާގައި އެތަައްހާސް ބައެއްގެ ކުރިމަތީގައި މުބާރާތް ހުޅުވީވެސް، ކީރިތި ޤުރުއާނުގެ މޫރިތި އާޔާތްތަކުންނެވެ.

Ads by Sosun Fihaara

ނަމަވެސް މި މަންޒަރު ހުޅަނގުގެ ނަން މަޝްހޫރު މީޑިއާތަަކަށް ދަައްކައިލަން ނުކެރުނެވެ. ޔޫކޭގެ ބީބީސީ ފަދަ ޗެނަލްތަކުން، އޯޕެނިން ސެެރެމަނީގައި ޤުރުއާން ކިޔެވި މަންޒަރު ދައްކައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ހުޅަނގުން ޤަބޫލުކުރާ ކަންކަމާ ދެކޮޅު ހެދި ޤަތަރަށް، ލައިވް ޓީވީގައި އަމާޒު ކުރީ ފާޑުކިޔުންތަކެވެ. އަދި މިފަހަރުގެ މުބާރާތަކީ އެންމެ "ކަންޓްރަވާޝަލް" މުބާރާތުގެ ގޮތުގައިވެސް ސިފަކުރިއެވެ.

ބީބީސީގައި ލައިވް ކަވަރޭޖް ހުށަހަޅަމުން ދިޔަ މީހާ ދައްކަމުން ދިޔަ ވާހަަކަ އަކީ ޤަތަރުން އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ނުކުރާ ވާހަކައާ، ވޯލްޑްކަޕްގެ ތައްޔާރީތަކަށް އެ ޤައުމަށް ދިޔަ މަސައްކަތްތެރިންނާމެދު އިހާނެތިކޮށް ކަންތައް ކުރި ވާހަކައެވެ.

ބީބީސީގެ އިތުރުން ޑެއިލީ މެއިލް ފަދަ ބޮޑެތި މީޑިއާތަކުން، ރޭގެ ރަސްމިއްޔާތާ ގުޅިގެން އާންމު ކުރި ވީޑިއޯތަކުގައިވެސް، ޤުރުއާން ކިޔަވާ މަންޒަރު ވަނީ އުނިކޮށްފައެވެ.

ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނިގެން ދިޔަ އެންމެ ޚާއްސަ ކަމަކީ ޚާއްސަ އެހީއަށް ބޭނުންވާ ޤަތަރުގެ ޒުވާން ވިޔަފާރިވެރިޔާ، އަދި ޤާރީ ޣަނީމް އަލް މުފްތާހު އެ ރަސްމިއްުޔާތުން ފެނުމެވެ. އުމުރުން އެންމެ 20 އަހަރުގެ ޣަނީމް، އެ ރަސްމިއްޔާތުގައި ޤުރުއާނުގެ އާޔަތެއް ވަނީ ކިޔައިފައެވެ.

މުފްތާހު ކިޔައިދިން އާޔަތުގެ މާނައިގައި ވެއެވެ.

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި، އަންހެނަކުންނެވެ. އަދި ތިޔަބައިމީހުން މީސްތަކުންނާއި، قبيلة ތަކަށް ލެއްވީމެވެ. (އެއީ) ތިޔަބައިމީހުން އެކަކު އަނެކަކު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންގެ ތެރެއިން އެންމެ މަތިވެރި މީހާއަކީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހާކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ވޯލްޑްކަޕާ ދިމާކޮށް އިސްލާމްދީނުގެ ރިވެތިކަން ދައްކުވައިދޭ ކަންކަން ޤަތަރުން ވަނީ ކޮށްފައެވެ.

ރަސޫލާ(ސ.އ.ވ)ގެ ހަދީޘް ބަސްފުޅުތައް ހިމެނޭ ބޯޑުތައް އެކި ހިސާބުތަކުގައި ހަރު ކުރުމާއި، މުބާރާތް ކުރިއަށްދާއިރު، ދީނީ ދަރުސް ދެއްވުމަށް ޑރ.ޒާކިރު ނައިކު ގެނައުން ފަދަ ކަންކަން، މީގެތެރޭގައި ފާހަގަކުރެވެއެވެ.

 

Ads by Allied Insurance
  1. ދިވެހި ރައްްޔިތުމީހާ

    ގަދައެނގޭ އިޝަﷲ އިސްލާމްދީ ކުރިއަރައިދިއުމުގެ މަގު އަބަދުވެސް ފަހިކުރައްވާށި އާމީން