މަޖިލީހުގެ މެމްބަރުންވެސް ތިއްބެވީ ހުރިހައި ކަމެއް ވަރިހަމަ ވެފައި: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް މިއަދު ހުރިހައި ކަމެއްވެސް "ވަރިހަމަ" ކަަމަށް ނައިފަރި ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު, ބަޖެޓު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރަމުން ދެއްކެވި ވާހަކައިގައެވެ.
ޝިޔާމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ރައްޔިތުންނަށް އުންމީދުތަކެއް ދީގެން ކަމަށާއި އެމްޑީޕީ ވެރިކަމަށް އައީ ރައްޔިތުންނަށް ވެރިކަން ކޮށްދިނުމަށް ކަމަށެވެ.
އަޅުގަނޑުމެންނަށް މި ފެންނަނީ އަނބިންނާއި ކޮއްކޮއިންނާއި ބޭބެއިންނާއި ޅިޔަނުންނާއި ފަހަރިންނަށް މި ފަރާތްތަކަށް ވަޒީފާދީގެން މި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހުރިހާކަމެއް ވަރިހަމަވެގެން ތިބި ތަން. ޢާއިލީ ވެރިކަމަކަށް އެއްބާރުލުންދީގެން ރައްޔިތުން ހަނދާން ނައްތާލައިގެން ތިބި ތަން މި ފެންނަނީ.
ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޞާލިޙްގެ މި ހަތަރު އަހަރުގައި 60 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި ކަމަށާއި އެއީ ރެކޯޑް އަދަދެއް ކަމަށެވެ.
އަދި މިއަދު މި ވާހަކަ ދައްކަވާއިރު ދިވެހިރާއްޖޭގެ ދަރަނި ވަނީ 113 ބިލިއަނަށް އަރާފައިކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.