ދުނިޔެ

ޣާނިމްގެ ހިތްވަރުން މުޅި ދުނިޔެ އާޝޯހުކޮށްލައިފި!

ރައުފާ ރަޝީދު ، ދެން އޮންލައިން

2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަކީ މުސްލިމުންނަށް ވަރަށްވެސް ހާއްސަ ރަސްމިއްޔާތެކެވެ. ގަތަރުގެ ޒުވާން އައިކަން، ޣަނީމް އަލް މުފްތާހުގެ ތަގުރީރާ އެކު މުޅި ރަސްމިއްޔާތު ފަޅުފިލުވައިދިނީ ޤުރުއާންގެ މޫރިތި އާޔަތްތަކުންނެވެ. މުޅި ދުނިޔެއަށް ސާބިތުކޮށްދިނީ އޭނާގެ ހިތްވަރެވެ. ކެރުންތެރިކަމެވެ. މޫނު މަތިން ފެނިގެން ދިޔައީ ހިނިތުންވުމާއި ހިތްތިރިކަމެވެ.

Ads by Sosun Fihaara

ރޭގެ ރަސްމިއަޔާތުގައި އޭނާ ކިޔައިދިން ވާހަކަތައް ވަރަށްވެސް އަސަރުގަދައެވެ. އޭނާ ވަނީ ކީރިތި ގުރުއާނުގެ ހުޖްރާތު ސޫރަތުގެ 13 ވަނަ އާޔާތް ކިޔައިދީފައެވެ.

“"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި، އަންހެނަކުންނެވެ. އަދި ތިޔަބައިމީހުން މީސްތަކުންނާއި، قبيلة ތަކަށް ލެއްވީމެވެ. (އެއީ) ތިޔަބައިމީހުން އެކަކު އަނެކަކު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންގެ ތެރެއިން އެންމެ މަތިވެރި މީހާއަކީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހާކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 49:13

ޣަނީމް އަލް މުފްތާހުގެ ތަޢާރަފެއް:

އަލް މުފްތާހު އުފަންވެފައިވަނީ 2002 ވަނަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައެވެ. އޭނާއަކީ "ކޮޑަލް ރިޓްރެކްޝަން" ސިންޑްރޯމް ނަމަކަށް ކިޔާ ބައްޔެއް ތަހައްމަލުކުރަމުންދާ މީހެކެވެ. މިއީ އުފަންވުމުގެ ކުރިން މޭކަށިގަނޑުން ތިރީ ބައި މުޅިން އުފެދިފައި ނުވާ، ވަރަށް މަދުން ނޫނީ އުފެދޭ އުފެދުމުގައި ހުންނަ ބައްޔެކެެވެ.

މިއީ ދުނިޔޭގެ 25،000 މީހުންގެ ތެރެއިން އެކަކަށް ޖެހޭ ބައްޔެކެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނު ކަމުގައިވީ ނަމަވެސް މުފްތާހް ވަނީ ކިޔަވައި، ބުރަކޮށް މަސައްކަތްކޮށް، ޢިލްމު ޙާޞިލުކުރައްވާފައެވެ.

ވޯލްޑް ކަޕް އެމްބެސެޑަރަކަށްވެސް މުފްތާހް:

ޤަތަރުގައި ފުރަތަމަ ފަހަރަށް ބާއްވަމުން އަންނަ ފީފާ ވޯލްޑް ކަޕް 2022ގެ ރަސްމީ އެމްބެސެޑަރަކަށް އަލް މުފްތާހު ހަމަޖެއްސިކަން ގަތަރު ވޯލްޑް ކަޕް ސުޕްރީމް ކޮމިޓީން އިއުލާންކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ.

މިކަމާ ގުޅިގެން އާންމުންނާ ހިއްސާކޮށްލި ކުރު ޓްވީޓެއްގައި މުފްތާހް ވިދާޅުވީ "ފީފާ ވޯލްޑް ކަޕް 2022 ގެ އޮފިޝަލް އެމްބެސެޑަރަކަށް އަހަރެން ހޮވުނުކަން އިއުލާނުކުރުމަކީ ލިބޭ ވަރަށް ބޮޑުޝަރަފެއް" ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އުމުރުން 20 އަހަރުގެ އަލް މުފްތާހްގެ  އިންސްޓަގްރާމްގައި ފޮލޯވަރުންގެ އަދަދު ވަނީ ތިން މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

ކުޅިވަރަށް ލޯބި ކުރާ ފަހުލަވާނެއް:

ޑިޕްލޮމޭޓަކަށް ވުމުގެ އެންމެ ބޮޑު އަމާޒަކާއެކު ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ތަޢުލީމު ހާސިލް ކުރައްވަމުން ގެންދަވާ މުފްތާހް އަކީ ޙާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމުގައި ވިޔަސް، ސްކޫބާ ޑައިވިން، ސްކޭޓްބޯޑިން އަދި ރޮކް ކްލައިމްބިން ފަދަ ކުޅިވަރުތަކުގައި ބައިވެރިވުމަކީ ޣަނީމް އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ސްކޫލުގައި އޭނާގެ އަތަށް ބޫޓު ލައްވައިގެން ރައްޓެހިންނާއެކު ފުޓުބޯޅަވެސް ކުޅެ ހަދައެވެ.

ހަނގާ ކުރުމާ ފުރައްސާރައާ ކުރިމަތިލާން ޖެހުނު:

މުފްތާހް ބޮޑުވަމުން ދިޔައިރު ސްކޫލަށް ދާން އުނދަގޫވީ އޭނާގެ ކްލާސް ކުދިންގެ ފަރާތުން ފުރައްސާރަކުރުމާއި ހަނގާ ކުރުމާ ކުރިމަތިލާން ޖެހުމުގެ ސަބަބުންނެވެ. އެހެންނަމަވެސް އޭނާގެ މަންމަ އޭނާއަށް ހިތްވަރު ދިނީ ކްލާސް ކުދިންނާ ވާހަކަ ދައްކާ، އޭނާގެ ހާލަތު ކިޔައިދީ މުޖުތަމަޢު ހޭލުންތެރި ކުރުމަށެވެ. މަންމަގެ ހިތްވަރާއެކު، މުފްތާހްގެ މޫނުމަތިން އޭގެ ފަހުން ފެނިގެން ދިޔައީ ހިނިތުންވުމާއި، އަމިއްލަ ނަފްސަށް އޮތް އިތުބާރެވެ. މަޖާ ޝަޚްޞިއްޔަތާއެކު، އޭނާ ވަނީ ސޯޝަލް މީޑިއާގެ ސެންސެޝަނަކަށް ވެފައެވެ.

ބްރޭންޑް އެމްބެސެޑަރ އަދި ވިޔަފާރިވެރިޔެއްް:

 ޒުވާން އުމުރުގައި އޭނާ ވަނީ ވިޔަފާރިއަށް ވަދެ، އައިސްކްރީމްގެ ވިޔަފާރިއެއް ފައްޓައިފައެވެ. އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި، ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދިރިއުޅުމަކީ ހިތްހަމަޖެހޭ އަދި އަގުހުރި ދިރިއުޅުމަކަށް ދައްކުވައިދެއެވެ. މުޅި ދުނިޔެއަށް އޭނާގެ ހިތްވަރު ދައްކާލަނީ އެތައް މިލިއަން ބައެއްގެ ކުރިމަތީގައެެވެ.

އޭނާގެ ވާހަކައިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ހައިރާންކޮށް، ހިތްވަރު އާކޮށްދެއެވެ. އޭނާއަކީ މިއަދުގެ ޒުވާނުންގެ ތެރެއިން ފާހަގަކޮށްލެވޭ، ނަމޫނާ ޝްޚްޞިއްޔަތެކެވެދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙައްސާ އެހީއަށް ބޭނުނަވާ މީހުންނަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

Ads by Ooredoo
  1. ނާޒިމް

    މާޝާﷲ ️️️️️