ދީން ދުނިޔެ

ޤަތަރުގައި އިސްލާމީ ޢީދެއް: އެތައް ބަޔަކު މުސްލިމް ވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުލަގަދަ ރަސްމިއްޔާތަކާއެކު ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2022 މިފަހަރު ބާވާފައިވަނީ އޭޝިއާގެ އެންމެ މުއްސަނދި އެއް ގައުމު ކަމަށްވާ ޤަތަރުގައެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

މި މުބާރާތް މުޅި އިސްލާމީ އުންމަތަށް ވެސް ޚާއްސަވާ ސަބަބުތައް ވަރަށް ގިނައެވެ. އިސްލާމް ދީނުގެ އުސޫލުތަކާ ހަމަތަކުގެ މަތިން އަމަލު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

އެގޮތުން ސްޓޭޑިއަމްތަކުގައި ބިޔަރު ވިއްކުން މަނާކޮށްފައިވާއިރު ބަނގުރަލާއި ބަނގުރާ އެތެރެކުރުން ވަނީ މަނާކޮށްފައެވެ. ކުޅިވަރުގެ މިހާ ބޮޑު ހަރަކާތެއްގައި ދީނަށް އިސްކަންދީ އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްދިނުމަށް ގިނަ ކަންތައްތަކެއް ޤަތަރުން ދަނީ ރާވަމުންނެވެ.

ގަތަރުގައި ފީފާ ވޯލްޑް ކަޕް ބާއްވަމުން އަންނައިރު އެ ގައުމުން އަޅާފައިވާ ތަފާތު ފިޔަވަޅުތަކާއި ގާނޫނުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އޭގެ ތެރެއިން އެއް ކަމަކީ ދަނޑަށް ވަންނަ ސަޕޯޓަރުންނަށް، ރަލުގެ ބާވަތްތައް ދަނޑަށް ނުވެއްދޭނެކަން އެންގުމެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އެ ގައުމަށް ޒިޔާރަތްކުރާ އެގައުމުގެ ރައްޔިތުންނަށް މި ގާނޫނާ ބެހޭ ގޮތުން މައުލޫމާތު ދެމުން އިނގިރޭސިވިލާތުގެ ފޮރިން ޓްރެވަލް އެޑްވައިސް ސަރުކާރުގެ ވެބްސައިޓުގައި ބުނެފައި ވަނީ ޤަތަރަށް މަސްތުވާތަކެއްޗާއި ރަލާއި ޕޯނޯގްރަފީ އާއި ބަނގުރަލުގެ ބާވަތްތަކާއި އެހެން ދީންތަކުގެ ފޮތްތަކާއި ތަކެތި އެތެރެކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މީގެ އިތުރުން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަޕޯޓަރުންނަށް ރަލުގެ ބާވަތްތައް ބޭނުން ކުރެވޭނީ ހަމައެކަނި ފީފާ ފޭން ފެސްޓިވަލުންނެވެ. އެހެންނަމަވެސް ރަލުގެ ބުއިންތައް ނޫން އެހެން ބުއިންތައް ސްޓޭޑިއަމާއި ފޭން ވިލެޖްގައި ވިއްކަން ހަމަޖެހިފައިވެއެވެ.

އެ ގައުމަށް ޒިޔާރަތްކުރާ ސަޕޯޓަރުން "ސަގާފަތަށް އިހުތިރާމް ކުރުމަށް" ވެސް އެގައުމުން ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް އެއްވެސް މީހަކު އަޅާ ފޭރާމުގެ ސަބަބުން "ހިފަހައްޓައި، މަނާ" ނުކުރާނެ ކަމަށް އޭޕީއިން ބުނެއެވެ.

ސަގާފީ ހޭލުންތެރިކަމާ ބެހޭ ގޮތުން ލޯކަލް އޯގަނައިޒިން ކޮމިޓީން ސަޕޯޓަރުންނަށް ދީފައިވާ ގައިޑްގައި ބުނެފައި ވަނީ އާންމުގޮތެއްގައި އެމީހަކު ބޭނުންވާ ހެދުމެއް އަޅައިގެން އުޅެވޭނެ ކަމަށެވެ. ނަމަވެސް މިއުޒިއަމްތަކާއި ސަރުކާރުގެ އެހެނިހެން އިމާރާތްތައް ފަދަ އާންމު ތަންތަނަށް ޒިޔާރަތްކުރާއިރު ކޮނޑާއި ކަކުލު ނިވާކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

"މަޖުބޫރު ޑްރެސް ކޯޑެއް ނޯންނާނެ، އެކަމަށް ހުއްދަ އެއް ނުދެވޭނެ. އެއީ ހަމައެކަނި އިޖުތިމާއީ ހުރަހެއް، އިޖުތިމާއީ އާދަކާދައެއް،" އޭޕީއޭއިން ބުނެފައިވެއެވެ.

ޤަތަރުގެ އަންހެނުން އާއްމު ތަންތަނުގައި އާންމުކޮށް ހެދުން އެޅުމުގައި (ހިޖާބު) އާއި ލުއި ފޭރާން ބޭނުންކުރެއެވެ. ފިރިހެނުން ލައިގެން ތިބެނީ ތައުބާ ނަމަކަށް ކިޔާ ދިގު، ލުއި ހުދު ކުލައިގެ ހެދުންތަކެވެ.

ގަތަރުގެ އެންމެ ބޮޑު އެއް އަމާޒަކީ މުބާރާތަށް އަންނަ މެހުމާނުންނަށް އިސްލާމް ދީނުގެ ރީތި އުސޫލުތައް ކިޔައިދީ، އެ މީހުންގެ ހިތުގައި މި ސާދާ ދީނަށް ލޯބި ޖައްސާ، މި ދީނަށް ދައުވަތު ދިނުމެވެ.

މިއާއެކު ޤަތަރުގައި ދީނުގެ ދަޢުވަތު ފޯރުކޮށްދެއްވުމަށް އިސްލާމްދީން ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިންޑިއާގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ ޑރ. ޒާކިރު ނައިކު ޤަތަރަށް ވަނީ ވަޑައިގެންފައެވެ.

ގަތަރުގެ ސަރުކާރު ހިއްސާވާ ކުޅިވަރު ޗެނަލް އަލްކާސްގެ ޕްރެޒެންޓަރެއް ކަމަށްވާ ފައިސަލް އަލްހާޖްރީ ހޮނިހިރު ދުވަހު (ނޮވެމްބަރު 19) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިކް "ވޯލްޑް ކަޕްގައި ގަތަރުގައި ހުންނެވި ކަމަށާއި މުޅި މުބާރާތުގައި ވެސް ދީނީ ގިނަ ދަރުސްތަކެއް ދެއްވާނެ" ކަމަށެވެ.

ޑރ. ޒާކިރް ނައިކު، އިއްޔެގެ ވަގުތެއްގައި ގަތަރުގައި ދިން ދަރުހެއްގެ ތެރެއިން ހަތަރު މީހަކު އިސްލާމް ދީނަށް ވަދެފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން، މަޝްހޫރު އިލްމުވެރިންނަށް ގަތަރަށް އައުމަށް ދައުވަތުތީ، އެބޭފުޅުންގެ ދަރުސްތައް ބޭއްވުމުގެ މަސައްކަތުގެ ތެރެއިން ވޯލްޑް ކަޕް ފެށުމާ ހަމައަށް 558 މީހަކު އިސްލާމް ދީނުގެ ހިދާޔަތު އަލިކަން ލިބި، މި މާތް ދީނަށް ވަދެފައިވާ ކަމަށް ޝައިޙް ޑރ. ފައިސަލް އަލް ހާޝިމީ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިއީ އޭޝިއާ ބައްރުގައި ވޯލްޑްކަޕް ބޭއްވޭ ދެވަނަ ފަހަރެވެ. މީގެ ކުރިން 2002 ވަނަ އަހަރު ވަނީ ޖަޕާން އަދި ކޮރެއާ ގުޅިގެން ވޯލްޑްކަޕް ބާއްވާފައެވެ. އަދި މިއީ ގަލްފް ސަރަަހައްދުގައި ވޯލްޑްކަޕް ބޭއްވޭ ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައިވެސް 32 ޓީމު ވާދަކުރާއިރު 64 މެޗު ކުޅެވިގެންދާނެއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ފްރާންސްއެވެ. އަދި އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު މި މުބާރާތް ކާމިޔާބުކުރި ބްރެޒިލްއެވެ. މި ދެ ޓީމުވެސް މި މުބާރާތުގައި ފެނިގެންދާނެއެވެ.

  1. ބޭބެ

    ﷲ އަށް ޙަމްދުކުރަން

  2. ްަްްގަދަ

    الحمد لله

  3. ޝަރީއަތުގެ ގިއުގަޑުގެ ތެރޭގައި ޢާލަމީ ކުޅިވަރުވެސް ކުޅެވޭނެ އިސްލާމް ދީނަކީ ބައިނަލް އަގުވާމީ ހަމައެކަނި ދީން، އެހެން ވީމާ ކުޅިވަރު ކުޅުމަކަށް ހުރަހެއްނެތް !

  4. ދިވެހިބަސް

    “ނަމަވެސް މިއުޒިއަމްތަކާއި ސަރުކާރުގެ އެހެނިހެން އިމާރާތްތައް ފަދަ އާންމު ތަންތަނަށް ޒިޔާރަތްކުރާއިރު ކޮނޑާއި ކަކުލު ނިވާކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.”
    ކަކުލު އެއް ނޫން ރަނގަޅު ގޮތަކީ ކަކޫ