ފުޓްބޯޅަ

ނޭމާ ރާއްޖެ އައި ވާހަކައިގެ ޙަޤީޤަތް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބްރެޒިލްގެ ފޯވާޑް، ނޭމާ ރާއްޖެއައި ކަމަށް ބުނެ ފެތުރެމުން އަންނަނީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަން އެނގިއްޖެއެވެ.

Ads by Sosun Fihaara

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޭމާ މިވަގުތު ހުރީ ކުރަމަތި ރިސޯޓްގައެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް، އެ ރިސޯޓުން ވާހަކަ ދެއްކެވި މީހަކު ބުނެފައިވަނީ އެ ރިސޯޓްގައި ނޭމާ އުޅޭ ކަމަށް ބުނެ ފެތުރެމުން އަންނަނީ ދޮގު ވާހަކައެއް ކަމަށެވެ. އަދި އެ ވާހަކަ ފެތުރުނީ، ސީ ޕްލޭން އޮޕަރޭޓް ކުރަމުން އަންނަ ޓީއެމްއޭއިން ހިންގި ޓްރެއިނިންއެއްގެ ތެރެއިން، ޑަމީ ބްކިންތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭގައި ހިމެނޭ ރޮނާލްޑޯއާއި ބެކަމްއާއި އަންހެނުންނާ. އެގޮތަށް ބޮޑު ލިސްޓެއް. އަހަންނަށް ވެސް އެ ލިސްޓް ލިބުނު. އެކަމަކު އެއީ ހަމަ ޓްރެއިނިންގެ ބައެއް" އޭނާ ބުންޏެވެ.

ކުރަމަތި ރިސޯޓަކީ އާއްމުކޮށް ހުޅަނގުގެ ސެލެބްރިޓީން އަންނަ ރިސޯޓެއް ނޫންކަން ވެސް ފާހަގަކޮށްލެވެއެވެ.

ނަމަވެސް ބްރެޒިލްގެ ޓީމުގެ ކެޕްޓަން ތިއޯގޯ ރާއްޖެއަށް މިއަދުގެ ވަގުތެއްގައި ޗުއްޓީއަށް ވަނީ އައިސްފައެވެ. ތިއޯގޯ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނޭވާގާއެވެ.

ބްރެޒިލް ވަނީ ވޯލްޑްކަޕް އިން ކަޓާފައެވެ. އެއީ ކުއާޓާގައި ކްރެއޯޝިއާ ދެކޮޅަށް ކުޅެގެންނެވެ.

ކުއާޓާގައި ކްރޮއޭޝިއާއަތުން ބަލިވި ނަމަވެސް ނޭމާ ވަނީ އެ ޤައުމުގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ޕެލޭއާ އަރާ އެއްވަރުކޮށްފައެވެ. އަދި މި ވޯލްޑްކަޕްގައި އޭނާގެ ފަރާތުން ވަރަށް ފުރިހަމަ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!