އައްޑޫ ސިޓީއާ ފުވައްމުލައްސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ނައިބު ރައީސްގެ މި ދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި އެ ސިޓީގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވައިލައްވާނެ ކަމަށެވެ.
އަދި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވައި ހުޅުމީދޫ ހެލްތު ސެންޓަރުގައި އަލަށް ފަށާ ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގައި ސަރުކާރުން ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
އޭގެއިތުރުން ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާ ވެސް ޝަރަފްވެރި ކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.